ހދ. ކުޅުދުއްފުށި ސިޓީ ހައުސިން ޔުނިޓުތަކުގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އަންނައުނު ހަދިޔާކުރަން ހުޅުވާލައިފިއެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވީ އެ ހާދިސާގައި އެތަނުގައި މަަސައްކަތް ކުރާ ގިނަ ފަރާތްތަކެއްގެ މުދަލަށް ގެއްލުން ލިބިފައިވާ ކަމަށެވެ.
މި ފަރާތްތަކަށް އަންނައުނު ހަދިޔާކުރަން ބޭނުންވާ ބޭފުޅުން ބޮޑެތި ފިރިހެނުންގެ ޓީޝާޓާއި ސޯޓު އަދި ގަމީހާއި ފަޓުލޫނު ފަދަ އަންނައުނު ހަދިޔާ ކުރުމަށް އެ ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.
ކުޅުދުއްފުށި ސިޓީގައި ހަދަމުންދާ 400 ހައުސިން ޔުނިޓުގެ އެކޮމޮޑޭޝަން ބްލޮކުގައި އަލިފާން ރޯވެފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.
އެމްއެންޑީއެފް އިން ވިދާޅުވެފައިވަނީ އަލިފާން ރޯވެފައިވަނީ ކުޅުދުއްފުށި ސިޓީގެ ލޭބަރ ކުއާޓާއެއްގައި ކަމަށާއި އެ ޚަބަރު ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނަށް ލިބުނީ އިއްޔެ މެންދުރު 14:35 ހާއިރު ކަމަށެވެ. އަދި ރިޕޯޓް ލިބުމާއެކު އެ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް ރޯވެފައިހުރި އަލިފާން 15:05 ހާއިރު ނިއްވާލާފައި ކަމަށް ވެސް ވިދާޅުވިއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.