މުއިއްޒު ދެއްވީ ނޮޅިވަރަންފަރަށް ބޮޑު އުންމީދެއް

Dr. Muizzu

ރާއްޖޭގެ އުތުރުން އެންމެ ބޮޑު ތަރައްގީ ގެނެވޭނެ ރަށަކީ ހދ. ނޮޅިވަރަންފަރު ކަމަށް ޕީޕީއެމް/ޕީއެންސީ ރިޔާސީ ކަނޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ އެރަށުގައި ބޭއްވީ ޖަލްސާގައި ވާހަކަފުޅު ދައްވަމުން މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ނޮދާން ޑިވެލޮޕްމެންޓް ޒޯންގެ އެންމެ ބޮޑު ތަރައްގީއެއް ގެނެވޭނެ ރަށަކީ ނޮޅިވަރަންފަރު ކަމަށެވެ. އަދި ރާއްޖޭގެ ޖިއޮގްރެފިކަލް ސައިޒަށް ބަލާއިރުގައި 13 ވަނައަށް އެންމެ ބޮޑު ރަށަކީ އެއީ ކަމަށާއި މިހާރުވެސް އާބާދީ އާއި ތަރައްގީ އެއްފަސްކުރުމަށް މަސައްކަތް ކުރެވިފައި ވާކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ނޮދާން ޑިވެލޮޕްމެންޓް ޒޯނަކާއި ސަދަން ޑިވެލޮޕްމެންޓް ޒޯން އަދި ބަހާލެވިފައި އޮތް ހަތް އާބަން ސެންޓަރއެއް ތަރައްގީ ކުރެވިގެންދާނެ، ނޮދާން ޑިވެލޮޕްމެންޓް ޒޯންގެ އެންމެ ބޮޑު ތަރައްގީއެއް ގެނެވޭނެ ރަށަކީ ނޮޅިވަރަންފަރު" މުއިއްޒު ވިދާޅުވިއެވެ.

ހަމައެހެންމެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނޮޅިވަރަންފަރަށް ގެނައި ގިނަ ތަރައްގީ އަނެއްކާވެސް އިތުރަށް ތަރައްގީ ކުރަން ޖެހިފައިވާކަމަށް ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ ދައުރުގައި އަޅާފައިވާ ބަނދަރު ނެރުކަށި ހިމެނޭ ގޮތަށް، ތަނަވަސް ޒަމާނީ ބަނދަރަކަށް ހަދައިދޭނެކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ ނޮޅިވަރަންފަރުގެ މަގުތަކުގައި ޒަމާނީ ފެންވަރުގެ ތާރު އަޅައި، އެރަށުގައި ފެންވަރު ރަނަގަޅު ފުޓްބޯޅަ ދަނޑެއް އަޅައިދެއްވާނެ ކަމަށާއި ހުރިހާ ޒުވާނުންނަށް ހާއްސަކޮށް މަލްޓި ސްޕޯޓްސް ކޮމްޕްލެކްސެއް ގާއިމުކޮށްދޭނެ ކަމަށެވެ.

އަދި އެރަށުގައި އައު ސްކޫލެއް މަލްޓިޕާޕަސް ހޯލަކާއެކު އަޅައިދޭނެ ކަމަށާއި،ރަށުގެ ހުސް ބިން ކަންއުންސިލް މެދުވެރިކޮށް ޓޫރިޒަމަށް ހުޅުވާލާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި