ޔޫރޯ 2024، ކޮލިފައިންގެ ގްރޫޕް ޖޭގައި ޕޯޗުގަލްއާއި ލަކްސެމްބާގް ބައްދަލުކުރި މެޗު 9-0 ގެ ނަތީޖާއިން ޕޯޗުގަލް ކާމިޔާބު ކޮށްފިއެވެ.
ރޭ މެޗުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ކުޅެވޭގޮތް ނުވީ ކާޑުހަމަވެ ސަސްޕެންޑުވުމާއި ގުޅިގެންނެވެ. ކޮލިފައިންގައި ޕޯޗުގަލުން މިހާތަނަށް ހަ މެޗު ކުޅެފައިވާއިރު އެ ހަމެޗު ވެސް ވަނީ ކާމިޔާބު ކޮށްފައެވެ. މިވަގުތު ގްރޫޕް ޖޭގެ އެއްވަނާގައި 18 ޕޮއިންޓާއިއެކު އޮތީ ޕޯޗުގަލްއެވެ. ދެވަނާގައި އޮތް ސޮލަވާކިއާއަށް ހަ މެޗުން ލިބިފައި ވަނީ 13 ޕޮއިންޓެވެ. ތިންވަނާގައި އޮތް ލަކްސެމްބާގަށް ހަ މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު ހަތަރު ވަނާގައި ބޮސްނިއާ އޮތީ ހަ މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ.
މިފިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ކުއާޓާއިން މޮރޮކޯއަތުން ބަލިވެ ޕޯޗުގަލް ކެޓުމާއިއެކު އެ ޓީމްގެ ކޯޗަކަށް ހުރި ސަންޓޯސް އިސްތިއުފާ ދިނުމުން، އެ މަގާމާއި މި އަހަރު ޖަނަވަރީ މަހު ހަވާލުވެފައި ވަނީ މާޓިނޭޒްއެވެ. އޭނާގެ އިރުޝާދުގެ ދަށުން ޕޯޗުގަލުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. މިގޮތުން ކޮލިފައިންގައި ކުޅުނު ހަ މެޗު ވެސް ޕޯޗުގަލުން ކާމިޔާބުކުރި އިރު އެ ހަމެޗުގައި 24 ލަނޑު ޕޯޗުގަލުން ވަނީ ޖަހާފައެވެ. ބައިކޮޅަށް އެނެމެ ލަނޑެއް ވެސް ވަދެފައި ނުވެއެވެ.
ރޭ މެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލުން ވަނީ ހަތަރު ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 12 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ގޮންސާލޯ އިނާސިއޯ ކާމިޔާބު ކޮށްދިންއިރު ދެވަނަ ލަނޑު 18 ވަނަ މިނެޓުގައި ބާނާޑޯ ސިލްވާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ގޮންސާލޯ ރާމޯސްއެވެ. މެޗުގައި ޕޯޗުގަލްގެ ތިންވަނަ ލަނޑު 34 ވަނަ މިނެޓުގައި ރަފޭލް ލިއާއޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ވެސް ގޮންސާލޯ ރާމޯސްއެވެ. ހަތަރުވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭ ބްރޫނޯ ފެނާންޑޭޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ގޮންސާލޯ އިނާސިއޯއެވެ.
ޕޯޗުގަލްގެ ފަސްވަނަ ލަނޑު 57 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޑިއެގޯ ޖޮޓާ ކާމިޔާބު ކޮށްދިންއިރު ހަވަނަ ލަނޑު 67 ވަނަ މިނެޓުގައި ޑިއެގޯ ޖޮޓާ ނަތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ރިކާޑޯ ހޯޓާއެވެ. ހަތްވަނަ ލަނޑު 77 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޑިއެގޯ ޖޮޓާއެވެ. މެޗުގެ 83 ވަނަ މިނެޓުގައި އޮޓާވިއޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އަށްވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ބްރޫނޯ ފެނާންޑޭޒްއެވެ. ޕޯޗުގަލެގެ ނުވަވަނަ ލަނޑު 88 ވަނަ މިނެޓުގައި ރުބެން ނެވޭސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ފެލިކްސްއެވެ.