އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު އެއް ބުރުން ކާމިޔާބު ކުރަން މަސައްކަތް ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަސައްކަތް ކުރެއްވި ނަމަވެސް އެކަން ނުވީ ތަގްދީރުގައި އެގޮތަށް ލިއުއްވާފައި ނެތީމަ ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

އިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްބުރުން އިންތިހާބު ކާމިޔާބު ކުރުމަށް ކިތަންމެ އުއްމީދެއްކުރި ނަމަވެސް އެކަން އެގޮތަށް ތަގްދީރުގައި ލިޔުއްވާފައި ނެތްކަން އިއްޔެ ހާމަވެގެން ހިނގައްޖެ ކަމަށެވެ. ހިތް އެދޭ ގޮތަށް ކަންތައްތައް ނުވުމަކީ އެއްވެސް ހާލެއްގައި މާޔޫސްވާންޖެހޭ ކަމެއް ނޫން ކަމަށާއި، ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކޮށް އާ ހިތްވަރަކާއެކު މަސައްކަތް އިތުރަށް ކުރަން ޖެހޭ ކަމަށް ވެސް އިޔާޒް ވިދާޅުވިއެވެ.

Ad
rt

އިޔާޒް ވިދާޅުވީ ދެވަނަ ބުރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކާމިޔާބު ކުރެއްވޭނެ ކަމަށެވެ.

"އެއްބުރުން އިންތިހާބު ކާމިޔާބު ކުރުމަށް އަޅުގަނޑުމެން ކިތަންމެ އުއްމީދެއްކުރި ނަމަވެސް އެކަން އެގޮތަށް ތަގްދީރުގައި ލިޔުއްވާފައި ނެތްކަން އިއްޔެ ހާމަވެގެން ހިނގައްޖެ. ހިތްއެދޭ ގޮތަށް ކަންތައްތައް ނުވުމަކީ އެއްވެސް ހާލެއްގައި މާޔޫސްވާންޖެހޭ ކަމެއްނޫން. ރަގަޅުކުރަންޖެހޭ ކަންކަން ރަގަޅުކޮށް އާހިތްވަރަކާއި އެކު މަސައްކަތް އިތުރަށް ކުރަންވީ. اللهގެ މިންވަރުފުޅާއި އެކު ދެވަނަ ބުރުން ރައީސް ދެވަނަ ދައުރެއް ހޯދައި ދިނުމަށް ގަދަ އަޅައި މަސައްކަތް ކުރަންވީ، އިންޝާ ﷲ ކާމިޔާބުވާނެ" އިޔާޒް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެންމެ ގިނަ ވޯޓު ހޯއްދަވާފައި ވަނީ މުއިއްޒެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރެއްވީ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހެވެ. މުއިއްޒަށް ލައްކައަކަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވި އިރު، ރައީސް ސޯލިހަށް 85،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ. ތިން ވަނަ އަށް ދިޔައީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު، ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށެވެ. އިލްޔާސް އަށް ވަނީ 15،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވިއެވެ.

މި އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް 6،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވިއެވެ. ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް 5،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު ފާރިސް މައުމޫނަށް ހޯއްދެވުނީ 3،000 ވޯޓެވެ. އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމަށް 1،700 އަށް ވުރެ ގިނަ ވޯޓު ހޯއްދެވުނު އިރު، އަމިއްލަ ގޮތުން ވާދަކުރެއްވި ހަސަން ޒަމީލަށް ލިބިވަޑައިގަތީ 355 ވޯޓެވެ.

ރިޔާސީ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް %50 އަށް ވުރެ މަތިން ވޯޓު ލިބިވަޑައިގެންފައި ނުވާތީ އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުގެ މެދުގައި ބާއްވާ އިންތިހާބުގެ ދެވަނަ ބުރު މި މަހުގެ 30 ގައި އޮންނާނެއެވެ. އެ އިންތިހާބުގައި ވާދަކުރައްވާނީ ރައީސް ސޯލިހާއި މުއިއްޒެވެ.