"މޯލްޑިވްސް ހެލްތް ލައިން" އިފްތިތާހް ކޮށްފިއެވެ.

މިއީ ސިއްހީ ހިދުމަތް ހޯދަން އެއް ރަށުން އަނެއް ރަށަށް ރައްޔިތުން ކުރަމުން އައި ދަތުރުފަތުރު ހުއްޓުމަކަށް ގެނެސް، ސިއްހީ ދާއިރާގެ އިންތިޒާމްތައް ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތައާރަފް ކުރި ހެލްތު ލައިނެކެވެ.

Ad
rt

މި ހެލްތް ލައިންގެ ދަށުން އެކި ދާއިރާގެ ޑޮކްޓަރުން ވަކި ޕްލޭނެއްގެ ދަށުން ގަވާއިދުން ރަށްރަށަށް ގޮސް އައުޓް-ރީޗް ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާއިރު، މީގެ ސަބަބުން ރައްޔިތުން ސިއްހީ ހިދުމަތް ހޯދަން އެއްރަށުން އަނެއްރަށަށް ދާންޖެހޭ ޖެހުމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެން ދާނެ ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

ޖުމްހޫރީ މައިދާނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މޯލްޑިވްސް ހެލްތް ލައިން އިފްތިތާހުކޮށް ދެއްވީ ރާއްޖޭގެ ސިއްހަތާއި ބެހޭ ވަޒީރު އަހުމަދު ނަސީމެވެ.

މި ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ މި ހެލްތް ލައިން ވެގެންދާނީ ސިއްހީ ހިދުމަތަށް އެއް ރަށާއި އަނެއް ރަށް ގުޅުވާލުމަށް އަތޮޅުތަކުގައި ކުރިއަށް ގެންދާ އައުޓްރީޗް ޕްރޮގްރާމްތައް ފުރިހަމަ ކުރެވޭނެ މުހިންމު ނިޒާމަކަށް ކަމަށެވެ. އަދި މިއާއެކު ރަށްރަށަށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ހިދުމަތް ކަށަވަރުކޮށް ދެވޭނެ ކަމަށެވެ.

މީގެ އިތުރުން ބޭހާއި ލެބޯޓްރީ ސާމްޕަލާއި ބަލިމީހުން އުފުލުމަށް ވެސް މި ނިޒާމުގެ ސަބަބުން ވަރަށްބޮޑު ލުއިފަސޭހަ ކަމެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ނަސީމް ވަނީ ފުރަތަމަ ބުރުގައި 7 އަތޮޅަކަށް 8 ލޯންޗް ހަވާލުކޮށްފައިވާއިރު، ކޮންމެ މަހަކު ދެ ލޯންޗް އިތުރުކުރަމުން ގޮސް ޖުމްލަ 20 އަތޮޅަށް މި ހިދުމަތް ފުޅާކުރެވޭނެކަން ފާހަގަކުރައްވާފައެވެ. އަދި އެ ހުރިހައި ލޯންޗެއް އަންނަ ނޮވެމްބަރުގެ ތެރޭގައި ހަވާލުކޮށް ނިންމާލެވޭނެ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ވަޒީރު އިތުރަށް ވިދާޅުވީ މިއަދު ކަނޑުގެ ފްލީޓް ތައާރަފްކުރި އިރު ކުރިއަށް އޮތް ތަނުގައި އުންމީދަކީ ވައިގެ ނިޒާމުން ވެސް ރަށްރަށް ގުޅިގެން ދިއުން ކަމަށެވެ. އަދި އަމާޒަކީ ސިއްހީ ހިދުމަތް ހޯދަން ރަށްރަށަށް ކުރަންޖެހޭ ދަތުރު ވީހާވެސް މަދުކުރުން ކަމަށެވެ.

މޯލްޑިވްސް ހެލްތް ލައިންގެ ދަށުން ހުރިހާ އަތޮޅަކަށް ވެސް ފޯރުކޮށްދެނީ 38 ފޫޓުގެ ދިގުމިނުގެ ލޯންޗުތަކެކެވެ. އެހެންނަމަވެސް ހުވަދު އަތޮޅާއި ފުވައްމުލައް ސިޓީ އަށް ހަވާލުކުރަނީ 42 ފޫޓުގެ ބޮޑެތި ސްޕީޑް ލޯންޗުތަކެކެވެ.