އިދިކޮޅު ކެންޑިޑޭޓުގެ ވިސްނުން ހުރީ ހަނިމާދޫ އެއާޕޯޓުގެ ޕްރޮޖެކްޓު ކުރިއަށް ގެންދާ ގޮތަކަށް ނޫން ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ބޮޑުތިލަދުންމަތީ ކޯޑިނޭޓަރު އަދި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބަށް ކެމްޕެއިންކުރެއްވުމަށް ހދ. މަކުނުދޫގައި އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Ad
d

ޝާހިދު ވިދާޅުވީ ވާދަވެރި ކެންޑިޑޭޓުގެ ވިސްނުމުގައި ހުރީ ވެރިކަން ލިބިއްޖެނަމަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ވަގުތުން ހުއްޓާލައި، އެތަނުގައި މަސައްކަތް ކުރަންތިބި އެންމެން ފޮނުވާލުމަށް ކަމަށެވެ. އަދި މަސައްކަތް ކުރާ މީހުން ފޮނުވާލަން ވާދަވެރިން ވިސްނަނީ އެއީ ވަކި ގައުމަކަށް (އިންޑިއާ) އަށް ނިސްބަތްވާ ބަޔަކަށް ވާތީ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

"ނިކަމެތި ވަނީ ކޮންބައެއްތޯ؟ ގެއްލުން ވަނީ ކޮންބަޔަކަށްތޯ؟ މި ބޮޑު ތިލަދުންމައްޗަށް, މި މަކުނުދޫއަށް. މި ސަރަހައްދުގައި މިވާ 40 ރަށާއި އެއް ސިޓީ އަނެއްކާ ވެސް ފަހަތަށް ސޮއްސާލީ, ހަނދާން ނެތުނީ, ނިކަމެތިވީ, ބިކަވީ." ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއު ނިމުމުން، އެ އެއާޕޯޓަށް 1.5 މިލިއަން ފަތުރުވެރިން އައުމުން އޭގެ ހިއްސާ މަކުނުދުއަށް ވެސް ކުރާނެ ކަމަށާއި މަކުނުދޫ އާރޯވެ، ތާޒާވެގެން ގޮސް ތަރައްގީގެ އާ އުސްމިންތަކަކަށް ދާތަން ފެނިގެން ދާނެ ކަމަށެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް ފެށީ މިދިޔަ ޖެނުއަރީ މަހުއެވެ.

އަހަރަކު 1.3 މިލިއަން ފަސިންޖަރުންގެ ޖާގައިގެ އެ އެއާޕޯޓު 136.6 މިލިއަން ޑޮލަރަށް ތަރައްގީ ކުރާއިރު، 2.46 ކިލޯ މީޓަރު (2460 މީޓަރު) ގެ ރަންވޭއަކާއި ޒަމާނީ ޓާމިނަލަކާއި އެއާޕޯޓަށް ބޭނުންވާނެ އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ.

Ad
df

މި މަޝްރޫއު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޮއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ ވައިގެބަނދަރުން ހިދުމަތް ދެވިގެންދާއިރު، މެދުއިރުމައްޗާއި، ދެކުނު އޭޝިއާ އާއި، ދެކުނު އިރުމަތީ އޭޝިއާ އާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ވެސް ލިބިގެންދާނެއެވެ.