މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫގެ ހިއްކި ބިމުން ދޫކުރާ ބަންޑާރަ ގޯތިތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ކޮމަންޑޫ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް 1200 އަކަފޫޓުގެ 103 ގެވަޅު ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމާފައި ވަނީ، ފާއިތުވި އޮގަސްޓް މަހުގެ 28 ވަނަ ދުވަހު ބޭއްވި އެ ކައުންސިލުގެ 95 ވަނަ އާންމު ޖަލްސާގައެވެ.
ގެވަޅަށް ކުރިމަތިލާން ފުރިހަމަ ކުރަންޖެހޭ ފޯމް މިހާރު އެ ކައުންސިލުން ދޫކުރަން ފަށާފައިވާއިރު، ފޯމް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުން ފެށުގެން ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 13:00 އަށް އެ ކައުންސިލުގެ ކައުންޓަރުންނެވެ. ފޯމް ބަލައިގަންނަ އެންމެ ފަހުގެ ތާރީޚަކީ ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހުއެވެ.
ކޮމަންޑޫއަކީ ބޯހިޔާވަހިކަމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވެފައި އޮތް ރަށެކެވެ. އެ ރަށަށް ދިމާވެފައިވާ ބިމުގެ މައްސަލަ ހައްލުކުރުމަށް އެ ރަށާއި އެއްފަޅުގައި އޮތް މަތި ކޮމަންޑޫ ފަޅު ހިއްކުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ކޮށް ނިންމާފައެވެ. އެ މަޝްރޫއުގެ ދަށުން، 16.7 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އަދި 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަހައްދު ގުޅުވާލާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!