އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލާއި އެސްޓަން ވިލާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ލިވަޕޫލުން ކާމިޔާބު ކޮށްފިއެވެ.

ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު، އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ.

Ad
rt

މިއީ ލީގުގައި ލިވަޕޫލް ކުޅުން ތިންވަނަ މެޗެވެ. ފުރަތަމަ މެޗުގައި ޗެލްސީއާއި ބައްދަލުކޮށް އެއްވަރުވީ ނަމަވެސް ދެވަނަ މެޗުގައި، މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ ލިވަޕޫލުން ވަނީ ނިއުކާސަލް ބަލިކޮށްފައެވެ. މިރޭ އެސްޓަން ވިލާ އަތުން ހޯދި ތިން ޕޮއިންޓާއި ލިވަޕޫލް ވަނީ ޕޮއިންޓް ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. ލިވަޕޫލަށް ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، އެއްވަނާގައި އޮތް މެންޗެސްޓާ ސިޓީއަށް ހަތަރު މެޗުން ލިބިފައި ވަނީ 12 ޕޮއިންޓެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު ލިވަޕޫލުން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ތިންވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޑޮމިނިކް ޒޮބޮސްލާއީއެވެ. މިއީ އޭނާ ލިވަޕޫލަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ.

ލިވަޕޫލުގެ ދެވަނަ ލަނޑަކީ ވިލާގެ ކޭޝް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. މެޗުގެ 22 ވަނަ މިނެޓުގައި ލިވަޕޫލްގެ ފޯވާޑް ނުނޭޒް ފޮނުވާލު ހަމަލާ ގޯލުގެ ދަނޑީގައި ޖެހިފައި ނުކުތްވަގުތު އެ ބޯޅަ ވަނީ ކޭޝްގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަދެފައެވެ.

މެޗުގެ ތިންވަނަ ލަނޑު ލިވަޕޫލަށް ޖަހައިދިނީ ސަލާހް އެވެ. ވިލާގެ އޭރިއާތެރެއަށް މަތިންއައި ބޯޅަ ނުނޭޒް ބޮލުން ޖައްސާލި ވަގުތު ސަލާހް ވަނީ ފާޕޯސްޓުން އަރައި އެ ބޯޅައިގައި ޓަޗްކޮށް ގޯލުގެ ތެރެއަށް ވައްދާލާފައެވެ.

ސަލާހް ގަތުމަށް ސައުދީ ލީގުގެ އަލް އިއްތިހާދުން ވަނީ ދާދި ފަހުން 150 މިލިއަން ޕައުންޑް ހުށަހަޅާފައެވެ. ނަމަވެސް އުމުރުން 31 އަހަރުގެ ސަލާހް ވިއްކާލަން ލިވަޕޫލުން ބޭނުމެއް ނުވެއެވެ.