ތިލަފުށީގައި މޮޓޯ ސްޕޯޓްސް އެރީނާއެއް ތަރައްގީކުރުމަށް ބޭނުންވާ ބިން ހަމަޖައްސާ އެކަމުގެ އެއްބަސްވުމެއްގައި އާބަންކޯއިން ޔޫތް މިނިސްޓްރީއާއެކު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އާބަންކޯގެ ފަރަތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނެޖިން ޑިރެކްޓަރު އަހްމަދް އާތިފްއެވެ. އަދި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަޒްމޫން އަހްމަދުއެވެ.
އާބަންކޯއިން ބުނި ގޮތުގައި މި އެރީނާ ތަރައްގީ ކުރެވިގެންދާނީ ތިލަފުށީގެ ދެވަނަ ފިޔަވަހީގައެވެ. އެގޮތުން ތިލަފުށިން 10 ހެކްޓަރުގެ ބިން މި މަޝްރޫއަށް ހާއްސަކުރާނެއެވެ.
އާބަންކޯގެ މެނޭޖިންގް ޑިރެކްޓަރު އާތިފް ވިދާޅުވީ މި ޕްރޮޖެކްޓާއެކު މިހާރު ހުޅުމާލެ ގައި ވަރަށް ދަތިކޮށް ކުރަމުން އައި ކަމެއް ހައްލުވެގެން، ބައިނަލްއަގުވާމީ ފެންވަރުގެ ޓްރެކެއްގައި ރޭސް ކުރެވޭނެ ފުރުސަތު ހަމަޖެހިގެންދާނެ ކަމަށެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ކުރިއަށްގެންދެވުނު ރަސްމިއްޔާތުގައި ރޭސިންގް އެސޯސިއޭޝަންގެ ޕްރެޒިޑެންޓް މުހައްމަދު ޝާމިހް ވެސް ބައިވެރިވެލެއްވިއެވެ. އޭނާ ވިދާޅުވީ އެތަނުގެ ހަމަ އެކަނި ރޭސްޖެހުމުގެ ބަދަލުގައި މޮޓޯ ސްޕޯޓްސްގެ އެކި ޑިސިޕްލިންތައް ކުޅެވިގެންދާނެކަމަށެވެ.
މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ޒުވާނުންނަށް، އެކަށޭނެ ސަރަހައްދެއް މޮޓޯ ސްޕޯޓްސް އަށް ތަރައްގީކުރެވިފައި ނުވާތީ ދިމާވާ ދަތިތަކަށް ހައްލެއް ހޯދަދިނުން ކަމަށް އާބަންކޯއިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!