މި ސަރުކާރުން އެގްރީމެންޓުގައި ސޮއިކޮށް، ފަށާފަ ހުރި އެއްވެސް މަޝްރޫއެއް ކެންސަލް ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
'ތިލަދުން' އާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެ މަޝްރޫއުތަކާއި އެގްރީމެންޓުތައް ބެލޭނެ ކަމަށެވެ. އަދި އެއިން ރައްޔިތުންނަށް ވަނީ ބޮޑު ގެއްލުމެއްތޯ ނުވަތަ ނޫންތޯ ބަލާނެ ކަމަށެވެ.
"ބައެއްފަރާތްތަކުން ބުނޭ ނޫންތޯ އަޅުގަނޑުމެންގެ ސަރުކާރެއް އަތުވެއްޖެނަމަ، މި ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ހުއްޓާލާނޭ. ނޫން އެކަހަލަ ވިސްނުމެއް ނެތް. އެކަމަކު އެކަންކަން ކުރަމުންދާގޮތް ބަލާނަން. ބަލާފަ ނަގަންޖެހޭ ޑިޒިޝަންސް ނަގާނަން." މުއިއްޒު ވިދާޅުވިއެވެ.
ހާއްސަކޮށް ރައްޔިތުންނަށް ފައިދާވާ ކަހަލަ ކަމެއް ހިނގަންޏާ ކުރިއަށްދާނެކަން ފާހަގަކުރައްވާ މިސާލެއްގެ ގޮތުން ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއު ނަންގަވާފައެވެ.
އެ މަޝްރޫއާ ގުޅޭގޮތުން ވިދާޅުވީ އެ މަޝްރޫއުގެ ތަފްސީލުތައް އެހާބޮޑަށް ނޭނގުނަސް ޔަގީނުން ވެސް އެއީ ވަރަށް މުހިންމު މަޝްރޫއެއް ކަމަށެވެ.
އެހެންވެ އެ އެއާޕޯޓު ބާރު ސްޕީޑުގައި ގެންގޮސް ނިންމައިދޭނެ ކަމުގެ ޔަގީންދެއްވާ ވިދާޅުވީ އެއީ ކުރަންޖެހޭ ކަމެއް ކަމަށެވެ.
"އެގޮތަށް ރައްޔިތުންނަށް ފައިދާހުރި ހުރިހައި މަޝްރޫއެއް ކުރިއަށްދާނެ. ނުހިނގާ ހުރި މަޝްރޫއާއި އަޑިނޭނގޭ ކަހަލަ، ސުވާލު އުފެދޭ އެގްރީމެންޓުތައް ބެލޭނެ. ބަލަފަ އެއަށް ގެންނަންޖެހޭ ބަދަލެއް އޮތިއްޔާ ގެނެވޭނެ." މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އެ ބަދަލަކީ އެންމެ އެކްސްޓްރީމަށް ދާނަމަ، ކޮންމެހެން ކުރަންޖެހޭ ކަމެއް ވިއްޔާ ކެންސަލް ކުރަން ޖެހިއްޖެނަމަ، އެކަން ވެސް ކުރައްވާނެ ކަމަށެވެ.
ފަސްއަހަރުގެ ތެރޭގައި މުޅި ރާއްޖެ ތަރައްގީކޮށް ނުނިންމޭނެކަން ފާހަގަކުރައްވައި މުއިއްޒު ވަނީ ނެޝަނަަލް ޑިވެލޮޕްމެންޓް ޕްލޭނެއް ރައްޔިތުންގެ މަޝްވަރާއާއި އެކީ ހެދިފަ އޮތުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.
އޭނާ ވަނީ އެކަހަލަ ޕްލޭނެއް ހެދި ސްޓްރެޖީތަކެއް ގައުމީ ލެވެލްގައި އެއްބަސްވެފައި އޮވެއްޖިއްޔާ އަދި އެއަށް ގާނޫނީ ބާރުވެރިކަން ދެވިއްޖިއްޔާ އެވާނީ ހަގީގަތުގައި ރައްޔިތުންނަށް ކޮށްދެވޭ ވަރަށްބޮޑު ކަމެއްގެ ގޮތުގައި ފާހަގަ ކުރައްވާފައެވެ. އަދި އެ ޕްލޭނަކީ ދެން އަންނަ ސަރުކާރެއް އަޔަސް އޮނަރ ކުރާނެ އެއްޗެއް ކަމަށް ވެސް ވިދާޅުވިއެވެ.
އެއަށް ބަދަލުތަކެއް އަޔަސް، މައިގަނޑު ޕްލޭނަށް ބަދަލެއް ނާންނާނެ ކަމަށާއި މިސާލަކަށް ގައުމީ ތަރައްގީގެ 20 އަހަރުގެ ޕްލޭނެއް އޮތުމަކީ ގައުމަށް ވަރަށް ރަަނގަޅުކަމެއްގެ ގޮތުގައި ވެސް މުއިއްޒު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!