އުތުރުގެ މައި ވައިގެ ބަނދަރުގެ ގޮތުގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީވެގެން އަންނައިރު، އެތަނަށް ބޭނުންވާ ސަލާމަތީ އެންމެހައި ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ނޮދަންއޭރިއާ ކޮމާންޑް ތައްޔާރުވާން ޖެހޭ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ހދ. ހަނިމާދޫގައި ގާއިމްކުރާ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އައު ހެޑްކުއޯޓާޒްގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ޝަމާލް ވިދާޅުވީ އިހަވަންދިއްޕޮޅުގައި ތަރައްގީކުރެއްވުމަށް ސަރުކާރުން ނިންމަވާފައިވާ ޕޯޓް ސިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން އިހަވަންދިއްޕޮޅުގައި އިންޓަނޭޝަނަލް ބަންކަރިންގ ފެސިލިޓީ ގާއިމުވެގެންދާއިރު، މި ޕޯޓް ސިޓީއާއި ބަންކަރިންގ ފެސިލިޓީއަށް ފޯރުކޮށްދޭންޖެހޭ އެންމެހައި ސަލާމަތީ ހިދުމަތްތަކަށް ވެސް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ދުރާލާ ތައްޔާރުވާންޖެހޭ ކަމަށެވެ.
މީގެ އިތުރުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް އޮތް ސަރަހައްދުގެ މުހިންމުކަމާއިި ގުޅޭގޮތުން އަލިއަޅުއްވާލައްވައި ވިދާޅުވީ ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ފާދިއްޕޮޅާއި ހަމައަށް އޮންނަ ސަރަޙައްދުގައި ގާއިމުކުރެވިފައިވާ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑަކީ، އެ އިދާރާގެ ހަތަރު އޭރިއާ ކޮމާންޑުގެ ތެރެއިން ވެސް އެންމެ ސަރަޙައްދު ބޮޑު، ރަށްތައް ގިނަ، އަދި އެ ސަރަޙައްދެއްގެ ތެރެއިން ނިސްބަތުން ގިނަ އިންޓަރނޭޝަނަލް ކާގޯ ޓްރާންސްފަރތައް ހިނގާ ސަރަޙައްދެއް ކަމަށެވެ.
މީގެ އިތުރުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގައި ފުލްފްލެޖްޑް ހެޑްކްއޯޓާޒްއެއްގެ ބިންގާ އެޅުމަށް ބޭއްވޭ އެ ރަސްމިއްޔާތަކީ ސިފައިންނަށް ވަރަށް ހާއްސާ، ތާރީހީ އަދި އެހާމެ އުފާވެރި ރަސްމިއްޔާތެއްކަން ވަނީ ފާހަގަ ކުރައްވާފައެވެ.
ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އެންމެ މުހިންމު އަދި އެންމެ އަސާސީ މަގުސަދަކީ ބޭރުންނާއި އެތެރެއިން ދިމާވެދާނެ ކޮންމެ ނުރައްކަލަކުން ދިވެހި ދައުލަތާއި ރައްޔިތުން ހިމާޔަތްކުރުމަށް އަސްކަރީ ބާރު ބޭނުންކުރަންޖެހިއްޖެ ހާލަތެއްގައި އެ ބާރު ބޭނުންކުރުމާއި، އެކަމަށް ތައްޔާރުވެ ތިބުމަށްޓަކައި ހޯދަންޖެހޭ އާލާތްތަކާއި ވަސީލަތްތައް ހޯދުމާއި އެކަމަށް ތަމްރީނުވުން ކަމަށް ވެސް ޝަމާލް ވިދާޅުވިއެވެ.
ހަމައެހެންމެ، މަދަނީ ދިފާއުގެ ގާބިލުކަން ދަމަހައްޓައި، އެކަމަށް ތައްޔާރުވެ ތިބުމަށްޓަކައި ހޯދަންޖެހޭ އާލަތްކާއި ވަސީލަތްތައް ހޯދައި، އެކަމަށް ތަމްރީނުވެ ތިބުމަކީ ވެސް ގައުމީ ދިފާއީ ބާރުގެ ޒިންމާއެއް ކަމަށް ވެސް ވިދާޅުވިއެވެ.
ނޮދަން އޭރިއާ ކޮމާންޑްގެ އައު ހެޑްކުއޯޓާޒް ގާއިމް ކުރުމަށް ހަނިމާދޫން ހަތަރު ލައްކަ އަކަފޫޓަށް ވުރެ ބޮޑު ބިމެއް ސަރުކާރުން ވަނީ ހަމަޖައްސަވާދެއްވާފައެވެ. އެރަށުގައި ގާއިމްކުރާ ނޮދަން އޭރިއާ ކޮމާންޑްގެ ހެޑްކްއޯޓާޒްގެ މަސައްކަތްތައް ދެ ފޭސްއަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، ފޭސް 1 ގެ މަސައްކަތް ފަށާތާ އަށް މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައެވެ.
އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ގާއިމްކުރާ މި މަރުކަޒުގެ މަސައްކަތްތައް ނިމި، ނޮދަން އޭރިއާ ކޮމާންޑްގެ ހެޑްކުއޯޓާޒްގެ ދާއިމީ މަރުކަޒަށް ބަދަލުކުރެވުމުން ނޮދަން އޭރިއާ ކޮމާންޑްގެ އަސްކަރީ ގާބިލްކަށް މިހާރަށްވުރެ އިތުރުވެގެންދާނެއެވެ.
މިއީ ސަރުކާރު ބަޖެޓުން 35 މިލިއަން ރުފިޔާ ޚަރަދު ކުރައްވައިގެން އުތުރުގައި ގާއިމްކުރާ ސިފައިންގެ އެންމެ ބޮޑު މަރުކަޒެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!