ސަގާފަތް ދިރުވުމުގައި ބަލާންވީ ކަންކަން

H dh Vaikaradhoo Ziyaarai

ދުނިޔެވީ ނަޒަރަކުން ބަލާއިރު ވެސް ކޮންމެކޮންމެ ސަގާފަތަކީ ދިރުވާން ޖެހޭ އެއްޗެއް ނޫނެވެ. ސަގާފަތެއް ބަޔަކު މީހުންގެ ތެރެއިން އިންދިރާސްވެ ނެތޭނީ، ތަފާތު ސަބަބުތަކާ ހުރެއެވެ.

މި ސަބަބުތަކުގެ ތެރޭގައި، އެ ސަގާފަތަކަށް ޢަމަލުކުރާން ޖެހޭ  ބޭނުން ނެތި ދިއުމާއި، އެ ސަގާފަތެއް އެހެން ސަގާފަތަކަށް ބަދަލުވެ ދިއުމާއި، އެ ސަގާފަތަކީ ރަނގަޅު ސަގާފަތެއް ނޫންކަމުގައި ދެކިގެން އެ މުޖުތަމަޢަކުން އެ ސަގާފަތެއް ދޫކޮށްލުން ހިމެނެއެވެ. މީގެ އިތުރުން ވެސް ސަގާފަތްތައް ނެތި އިންދިރާސްވާ ވަރަށް ގިނަ ސަބަބުތައް ހުރެދާނެއެވެ.

ކަންކަން މި ދެންނެވި ބީދައިން ހުރުމާ އެކު، ސަގާފަތެއް ދިރުވަންޏާ، އެ ބައެއްގެ ތެރެއިން  އެ ސަގާފަތެއް ނެތިދިޔަ ސަބަބަށް ރިޢާޔަށް ކުރުން އެއީ ވަރަށް މުހިންމު ކަމެކެވެ. އެހެން ނޫނީ، އެ ކަމުގެ ސަބަބުން ތަފާތު އެކިއެކި މައްސަލަތައް ފެންމަތިވުމަކީ ނުވެ ނުދާނޭ ކަމެކެވެ. އެހެނީ، ދިރުވާން ކަމުދާނީ އިޢުތިޤާދީ ގޮތުން ނުބައިކަމެއް ކަމަށް އެ މުޖުތަމަޢަކުން ނުދެކޭ ސަގާފަތްތަކެވެ. އިޢުތިޤާދީ ގޮތުން ނުބައިކަމެއް ކަމަށް ބަލައި އެ ސަގާފަތަކާ އެ ބަޔަކު ދުރުވެއްޖެ ނަމަ، އެ ސަގާފަތެއް އަލުން ދިރުވާން އުޅުމަކީ އެ މުޖުތަމަޢެއްގައި ނަފުރަތާއި ބައިބައިވުމާއި އަރައިރުމަށް މަގު ހުޅުވައިލުމެވެ.

ދިވެހީންގެ ތެރެއިން ނެތި ގޮސްފައިވާ ސަގާފަތްތަކަށް ބަލާއިރު، އޭގެ އެއް މިސާލަކީ، ޒިޔާރަތްތަކާ ގުޅިފައިވާ ސަގާފަތްތަކެވެ. ޒިޔާރަތްތަކަށް ނަދުރުބުނުމާއި، އެ ތަންތަނަށް ދުން އެޅުމާއި، އެ ތަންތަނުގައި ދިދަ ނެގުން ފަދަ ކަންކަމެވެ. މިއީ ދީނީގޮތުން ރަނގަޅު ކަންކަން ނޫންކަން ދިވެހީންނަށް އެނގުމާ އެކު، ދިވެހީން ވަނީ މި ސަގާފަތްތަކަށް އަލްވަދާޢު ކިޔައިފައެވެ. މިއީ ދީނީ އަޅުކަމެއްގެ ގޮތުން ކުރަމުން އައި ކަންކަމެވެ. ދީނީ އަޅުކަމެއް ކަމަށް ދެކިގެން ނޭނގި ކުރަމުން އައި ކަންކަމެވެ. އެއީ ދީނުގައި ވަރަށް ބޮޑަށް ނަހީކުރައްވައިފައިވާ މުންކަރާތްތަކެއްކަން އެ މީހުންނަށް ނޭނގި ހަނދަމުން އައި ބިދުޢަތަކެކެވެ.

މިފަދަ މުންކަރާތެއް އަލުން ދިރުވުމަކީ މުޅި ޤައުމު ބައިބައިކޮށްލުމެވެ. އެހެނީ، މި ސަގާފަތަށް ދިވެހީން ނޫނެކޭ ބުނީ މިއީ ދީނީ ގޮތުން ރަނގަޅުކަމެއް ނޫންކަން ކަށަވަރުވުމުންނެވެ. ވެރިކަމުގެ ފަރާތުންނާއި ދީނީ ޢިލްމުވެރީންގެ ފަރާތުން މިއީ ބިދުޢައެއްކަން އެނގި ކަށަވަރުވުމުންނެވެ. ދިވެހީން ވަނީ އެފަދަ ކަންކަމަށް ނޫނެކޭ ބުނެފައެވެ. ވުމާ އެކު، މި ކަންކަން މިހާރު ދިރުވާން އުޅުމަކީ ބިދުޢީ ކަންކަމާއި ޚުރާފާތްތައް އަލުން ދިރުވައި އާލާކުރުމެވެ. ޤައުމީ ޖޯޝު އެފެދުމުގެ ބަދަލުގައި މިއީ މުޅި ޤައުމު ބައިބައިކޮށްލާނޭ ކަމެއް ކަމާ މެދަކު ޝައްކެއް ނެތެވެ. މި ކަންކަން މިހެން ކުރަމުން ގެންދިޔުމަކަށް ދީނީ ޢިލްމުވެރީންނެއް ދުލެއް ނުދެއްވާނެއެވެ. އެ ބޭފުޅުން މި ކަމާ ގަދަފަދައަށް ދެކޮޅު ހައްދަވާނެއެވެ. ޙައްޤާއި ބާޠިލަކީ ކޮބައިކަން ބަޔާންކޮށްދެއްވާނެއެވެ. އަދި މުޖުތަމަޢުގައި ތިބި ދީނަށް ޣީރަތްތެރިކަން ހުރި ކޮންމެ މީހަކު ވެސް މި ކަމާ ދެކޮޅުހަދާނޭކަން ކަށަވަރެވެ.

ނެތެމުންދާ ނުވަތަ ނެތިގޮސްފައިވާ ރަނގަޅު ސަގާފަތްތައް ދިރުވާންވީއެވެ. އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މާތް ސިފަތައް ދިރުވާންވީއެވެ. ދިވެހީންގެ މެދުގައި އޮތް އަތްތެރި މަސައްކަތްތަކުގެ މޮޅު ހުނަރުތައް ދިރުވާންވީއެވެ. އެކަކު އަނެކަކަށް އަޅައިލުމާއި އެހީތެރިވުމުގެ ހިތްގައިމު ސަގާފަތް ދިރުވާންވީއެވެ. ދިވެހީންނަށް ބޭނުންވަނީ އިޖުތިމާޢީ، އިޤްތިޞާދީ މިފަދަ ރަނގަޅު ސަގާފަތްތައް ދިރުވުމެވެ. ބިނާކުރަނިވި ސަގާފަތްތައް ދިރުވުމެވެ. ދީނާއި ޢަޤީދާއާ ފުށުނާރާ ސަގާފަތްތައް ދިރުވުމެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *