މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސަރުކާރެއްގައި އައްޑޫ ސިޓީ ފޭދޫގައި ރަނގަޅު ފެންވަރެއްގެ ޕްރީ ސްކޫލެއް އަޅައިދެއްވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓު، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އައްޑޫ ސިޓީ އަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި ފޭދޫއަށް ވަޑައިގެން ސަޕޯޓަރުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ނާޒިމް ވިދާޅުވީ އެރަށުގެ ރައްޔިތުން އެންމެބޮޑަށް ބޭނުންވާ އެއް ކަމަކީ ފެންވަރުގެ ޕްރީސްކޫލެއް ކަމަށާއި ފޭދޫގެ އެލްކޭޖީ އާއި ޔޫކޭޖީއަކީ އަދިވެސް އެންމެ އެކަށީގެންވާ ގޮތަށް ކިޔަވައިދެވޭ ތަން ނޫން ކަމަށެވެ.

ފޭދޫ ސްކޫލަކީ ނާޒިމް ގެ ބައްޕަގެ ކުންފުނިން ބިނާކުރެއްވި ސްކޫލެއްކަން ފާހަގަކުރައްވާ ވިދާޅުވީ ކުޑައިރު އޭނާ އެ ސްކޫލް އަޅުއްވާތަން ބައްލަވަން ދިޔަކަމަށެވެ. އަދި މިއަދު އެރަށަށް އައި އިރުވެސް އެތަން އޮތީ ހަމަ އެހެން ކަމަށާއި ހަމަ އެކަނި އިތުރުވެފައި އޮތީ އެކްސްޓެންޝަނެއް ކަމަށެވެ.

އެހެންކަމުން މިއީ އެރަށުގެ ރައްޔިތުންނަށް އެންމެ އެކަށޭނަ މިންވަރުތޯ ސުވާލުކުރައްވާ ވިދާޅުވީ އައްޑޫ ސިޓީއަށް ބަދަލު ގެންނާނެ ކެންޑިޑޭޓަކީ އެނާ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި ދެވަނަ އަށް އެންމެ އާބާދީ ބޮޑު، އައްޑޫ ސިޓީގެ ފޭދޫގައި އެންމެ އެކަށޭނެ ގޮތަށް 11 އަދި 12 ކިޔަވައިދެވިފައި ނެތް ކަމަށާއި އޯލެވެލް ކިޔަވަން އަދިވެސް ދާންޖެހެނީ މާލެއަށް ކަމަށެވެ. އެހެން ކަމުން އޭނާގެ ތަސައްވުރަކީ ޕްރީސްކޫލް ހިސާބުން ފަށައިގެން ދަރިވަރުންނަށް ރަނގަޅުފެވަރަކަށް ކިޔަވާދިނުން ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ނާޒިމް ވަނީ ރައްޔިތުން ވަރަށް ބޮޑަށް ވިސްނާ ފިކުރުކޮށް، ތަރައްގީ އަކީ ކޮބައިތޯ ވިސްނާ ކަންކަން ކުރެވޭނީ އަދި ކޮށްދޭނީ ކޮންބައެއްތޯ ބެލުމަށް އެދިވަޑައިގެންފައެވެ. އަދި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެކަން ހާމަކޮށްދިނުމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ.