ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، އެޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހިމް އަށް ހދ. ކުރިނބީން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
އެމަނިކުފާނު ބޮޑު ތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެރަށަށް ވަޑައިގަތުމުން އެރަށުގެ ފައިއިނދޭ ފުރައިން ރައްޔިތުން ވަނީ ބަދަރު ސަރަހައްދަށް ޖަމާވެފައެވެ. އަދި ވަނީ ވަރަށް ހޫނު މަރުހަބާ އެއް ދަންނަވާފައެވެ.
ބޮޑު ތިލަދުންމަތީގެ ރަަށްތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގައި ޖުމްހޫރީ ކެންޑިޑޭޓު މިހައިތަނަށް ވަނީ ހދ އަދި ށ. އަތޮޅުގެ ގިނަ ރަށްތަކަކަށް ވަޑައިގެންފައެވެ. އަދި ގިނަ ރަށްރަށުން އެމަނިކުފާނަށް އޮތް ތާއީދާއި ތަރުހީބު ވެސް ވަނީ ދައްކާފައެވެ.
ގާސިމްގެ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން މިއަދު ވަޑައިގަތުމަށް ތާވަލުކޮށްފައިވާ ރަަށްތަަކީ ނައިވާދޫ، ނެއްލައިދޫ، ހިރިމަރަދޫ އަދި ފިނޭ އެވެ.
ޖުމްހޫރީ ޕާޓީގެ އިސްތަރުޖަމާނު އަލީ ސާލިހު މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއިން ކޮންމެ ރަށެއްގެ ރައްޔިތުންނާ ގާސިމް، ބައްދަލުކުރައްވައި އެ ރައްޔިތުންގެ ވާހަކަތައް އަޑު އައްސަވާނެ ކަމަށެވެ. އަދި ބޭނުންވާ ކަންކަން އޮޅުންފިލުއްވާނެ ކަމަށެވެ.
މީގެ އިތުރުން އެ ރަށްރަށުގައި ކެމްޕެއިން ޖަލްސާތައް ބާއްވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ޖުމްހޫރީ ޕާޓީގެ ކެމްޕެއިން ޓީމުތަކުގެ ތެރެއިން އުތުރުގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅަށް ކަނޑައަޅާފައިވާ ބޭސް ސްޓޭޝަނަކީ ހދ ކުޅުދުއްފުށްޓެވެ.
މިއަހަރުގެ ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ޖޭޕީގެ ކެންޑިޑޭޓުގެ އަމާޒަކީ އިންތިހާބުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށަކަށް ވަޑައިގަތުމެވެ.
ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ އެކުލަވައިލާ އާންމުކޮށްފައިވާއިރު، އެ މެނިފެސްޓޯ އެކުލަވައިލާފައިވަނީ މައިގަނޑު 15 އަސާސެއްގެ މައްޗަށެވެ.
ޖޭޕީގެ މައި ޖަގަހަ، މ. ކުނޫޒުގައި، މި އޮގަސްޓު 9 ވަނަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ހަފުލާއެއްގައި އެ ޕާޓީގެ މެނިފެސްޓޯ ލޯންޗުކޮށްދެއްވާފައިވަނީ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެވެ.
ގާސިމްގެ މެނިފެސްޓޯ ހައްދަވާފައިވަނީ އެކަމަށްޓަކައި އެކުލަވައިލި ހާއްސަ ފަންނީ ކޮމިޓީއަކުންނެވެ. މި ކޮމެޓީ ޗެއާ ކުރައްވާފައި ވަނީ ކުރީގެ ނައިބު ރައީސް ކަމާއި، ފިނޭންސް މިނިސްޓަރުކަން ކުރައްވާފައިވާ ޢަބުދުﷲ ޖިހާދެވެ.
އެ ޕާޓީގެ މެނިފސްޓޯގައި ހއ، ހދ، ށ ނ، ރ އަދި މާލެ އަތޮޅު އުތުރު ބައި، ބ، ޅ ގައި ޓާޝަރީ ފެންވަރަށް ޚިދުމަތްދޭނެ ހޮސްޕިޓަލްތައް ތަރައްޤީކުރުމާއެކު، ތަޢުލީމީ ދާއިރާއާއި، ފަތުރުވެރިކަން ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. އަދި އއ، އދ، ވ، މ، ފ، ދ އާއި ތ، ލ، އަދި ގއ، ގދ، ޏ، ސ އަތޮޅުގައި ވެސް ޓާޝަރީ ފެންވަރަށް ޚިދުމަތްދޭނެ ހޮސްޕިޓަލްތައް ތަރައްޤީކުރުމާއެކު، ތަޢުލީމީ ދާއިރާއާއި، ފަތުރުވެރިކަން ތަރައްޤީކުރާނެ އެކި ކަންކަން ހިމަނާފަައިވެއެވެ.
ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ގާސިމް އަށް ލިބިވަޑައިގެންފައިވަނީ ކެންޑިޑޭޓް ނަމްބަރު 5 އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!