ރާއްޖޭގެ ދީނީ އިލްމުވެރިޔާ ޝައިޚް އުސްމާން އަބްދުﷲ އަވަހާރަވެއްޖެ އެވެ.
ޝައިޚް އަވަހާރަވީ މިއަދު ފަތިހުގެ ވަގުތެއްގައެވެ. ދީނީ މައުލޫމާތު ފެތުރުއްވުމުގަ އާއި އިސްލާމްދީނުގެ ކަންކަން ދިވެހިންނަށް ދަސްކޮށްދެއްވުމުގައި ވަރަށް އިސް ދައުރެއް އަދާކުރެއްވި އިލްމުވެރިޔާ އުސްމާން އަބްދުﷲ އަކީ ށ. މަރޮއްޓަށް އުފަން ބޭފުޅެކެވެ.
ގައުމީ އިނާމާއި ޝަރަފުވެރި ކަމުގެ ގައުމީ އިނާމު ވެސް ލިބިވަޑައިގެންފައިވާ ޝެއިހް އުސްމާން، ކުއްލިއްޔާ އުސޫލުއްދީން ވައްދައުވާ އިން މަތީ ތައުލީމު ހާސިލު ކުރެއްވުމަށްފަހު ރާއްޖެ ވަޑައިގެން ދީނީ ރޮނގުން ތަފާތު އެތައް ހިދުމަތްތަކެއް ވަނީ ކޮށްދެއްވާފައެވެ.
މާލެ ވަޑައިގެން ފުރަތަމަ ކުރެއްވީ ދީނީ ރޮނގުން ނަސޭހަތް ދެއްވުމަށް އެކިރަށްރަށަށް ވަޑައިގަތުމުގެ މަސައްކަތްޕުޅެވެ. އޭގެފަހުން [މަދްރަސަތުއްތައިބާ] ގެ ނަމުގައި މާލޭގައި ސްކޫލެއް އުފައްދަވައި އެތަން އުވާލަންދެންވެސް އެތަނުގައި ކިޔަވައިދެއްވަމުން ގެންދެވިއެވެ. އަދި އޭނާގެ އުފަން ރަށް ށ. މަރޮށީގައި އޭނާގެ އާއިލީ ސްކޫލެއް ކަމުގައިވާ މަދްރަސަތުލް މުނައްވަރާގެ ކަންކަން އަމަލީ ގޮތުން ބެލެހެއްޓެވުމުގެ މަސްއޫލިއްޔަތުވެސް އުފުއްލެވިއެވެ.
ރާއްޖޭގައި ޒަކާތުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް އެންމެބޮޑަށް މަސައްކަތްޕުޅު ކުރެއްވި ބޭފުޅަކީ އުސްމާން އަބްދުﷲ އެވެ.. 1983 ވަނަ އަހަރު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ޒަކާތާބެހޭ އޮފީހުގެ ނަމުގައި އޮފީހެއް އުފައްދަވައި އެތަން ހިންގެވުމުގެ މަސްއޫލިއްޔަތު، އުސްމާން އަބްދުﷲއާ ހަވާލުކުރެއްވިއެވެ. އުސްމާން ހުށަހެޅުއްވި ޒަކާތާބެހޭ ތަފާތު ގިނަ ޕްރޮގްރާމްތަކެއް ވަނީ ދިވެހިރާއްޖޭގެ އަޑުންނާއި ޓެލެވިޒަން މޯލްޑިވްސް އިން ފޮނުއްވާފައެވެ.
އުސްމާން އަބްދުﷲ އަކީ އެމްއެޗްއޭގެ ވެރިޔާ އަލްމަރުޙޫމް ހުސައިން އަބްދުﷲ ގެ އެއްބަނޑުއެއްބަފާ ކޮއްކޮ އެވެ. ހުސައިން އަބްދުﷲ އަވަހާރަވީ 2020 އަހަރުގެ މޭމަހުގެ ތެރޭގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!