މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ނާޒިމްގެ މާލޭގެ ތަރައްގީގެ ޕްލޭން ހާމަކުރައްވާ ތާރީހު ހާމަކޮށްފިއެވެ.
އެ ޕާޓީން ބުނީ ނާޒިމްގެ މާލޭގެ ތަރައްގީގެ ޕްލޭން އަންނަ ހޮނިހިރު ދުވަހުގެ ރޭ ހާމަކުރާނެ ކަމަށެވެ.
އެމްއެންޕީގެ ނައިބު ރައީސް އަދި ކެމްޕޭން މެނޭޖަރު ހުސަައިން އިސްމާއިލް ވިދާޅުވީ ނާޒިމްގެ ވެރިކަމެއްގައި މާލެ ތަރައްގީކުރާނެ ގޮތުގެ ޕްލޭންގެ ޝިއާރަކީ ގްރޭޓާ މާލޭ ޑިވެލޮޕްމެންޓް ޕްލޭން 23 އެންޑް ބިޔޯން (Greater Male' Development Plan 23 & Beyond) ކަމަށެވެ.
އޭނާ ވިދާޅުވީ އެ ޕްލޭނަކީ ނާޒިމްގެ ވެރިކަމުގައި މާލެ, ހުޅުމާލެ، ވިލިމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅު ސަރަޙައްދު ތަރައްގީކުރާނޭ ގޮތް ކަމަށެވެ. އަދި މި ޒަމާނުގެ ތަރައްގީގެ ފަލްސަފާތަކާ އެއްގޮތަށް ރޭވުންތެރިކަމާއެކު ތަރައްގީކުރުމަށް އެކުލަވާލެވޭ ޕްލޭނެއް ކަމަށެވެ.
މީގެ އިތުރުން ނާޒިމްގެ ކެމްޕެއިންގެ ސިޔާސަތުތަކާއި މަޝްރޫއުތަކަކީ ތަފާސްހިސާބުތަކާއި ހަގީގަތްތަކުގެ މައްޗަށް އެކުލަވާލެވޭ ސިޔާސަތުތަކެއް ކަމުގައިވާއިރު، މި ޕްލޭންގައިވާ ހުރިހާ ކަމަކީ ވެސް ނާޒިމްގެ އިގްތިސާދީ ސިޔާސަތުތަކުގެ ތެރެއިން ހާސިލުކުރެވޭނޭ ސިޔާސަތުތަކަކާއި ޕްލޭންތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނާޒިމްގެ މި ޕްލޭން ހާމަކުރެއްވުމަށް ބާއްވާ ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 9 ޖަހާއިރު، ބިލަބޮންގް އިންޓަރނަޝަލް ސްކޫލްގައި ކަމަށެވެ.
މި ޖަލްސާގައި މާލޭގެ އަދި ރާއްޖޭގެ ވީހާ ގިނަ ރައްޔިތުންނާއި އެ ޕާޓީގެ އެންމެހައި މެމްބަރުންނާއި ޕާޓީ އަށް ހެޔޮ އެދޭ ހުރިހައި ފަރާތްތަކަށް ވަނީ ދައުވަތު އަރުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!