އެކިއެކި ކަންކަމުގައި މީގެ ކުރިން ތިލަދުންމަތީ އުތުރުބުރީގެ ގިނަ ރަށްތަކަށް ވަނީ ދަތުރު ކުރެވިފައެވެ. ނަމަވެސް ހޯރަފުއްޓަކީ ހއ.އަތޮޅުން ނުދެވޭ މަދު ރަށްތަކުގެ ލިސްޓްގައި ހިމެނޭ ރަށަކަށްވެފައި އެކުވެރިން ވެސް ތިބި ރަށަކަން ވުމުން ހޯރަފުއްޓަށް ގޮސްލަން ނިންމީމެވެ.
އާރުޓީއެލް ފެރީގެ ނިޒާމުން ބޮޑުތިލަދުންމަތީ ރަށްތައް ގުޅާލާފައި އޮތުމުން މިހާރު މި ތިން އަތޮޅުގެ ކޮންމެ ރަށަކަށް ވެސް ދަތުރު ކޮށްލުމަކީ ވަރަށް ފަސޭހަކަމެކެވެ. ހެޔޮއަގުގައި އެހާއަރާމުގައި ބޭނުން ދުވަހަކަށް ދަތުރު ޕްލޭން ކޮށްލަންވީއެވެ.
ރާއްޖެތެރޭ ގިނަ ރަށްތަކާއި އަޅާބަލާއިރު ހޯރަފުއްޓަކީ މިހާރު ގިނަ ޚިދުމަތްތަކެއް ލިބޭ، ތަރައްޤީގެ ކުލަވަރު އެކިގޮތްގޮތުން ފެންނަން ހުރި ރަށެކެވެ.

ހޯރަފުށީ އެއާޕޯޓަށް ދަތުރުކުރާ މަގުގެ އިތުރުން ރަށުގެ މައި މަގުތައް މިހާރު ވަނީ ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްފައެވެ. އެ މަގުތަކުގައި ލައިޓްޖަހައި ދިއްލާލާފައި އޮންނައިރު ރޭގަނޑު މަގުތައް ފެންނަނީ ވަރަށް ވެސް ފުރިހަމަކޮށެވެ.
ހޯރަފުށީގެ ރީތިކަން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަ ކުރެވެއެވެ. މިގޮތުން ރަށަށް ލަފާއިރު ފުރަތަމަ ވެސް އަޅައިގަންނާނީ ބަނދަރުގެ އެއްކޮޅުން އަނެއްކޮޅަށް ބަރިއަކަށް އިންދާފައިވާ ކަދުރު ރުއްތަކެވެ. ކަދުރު ރުއްތަކުގެ ވަށައިގެން ބުޑުހަދައި ވަނީ ޒީނަތްތެރި ކޮށްފައެވެ.

މީގެ އިތުރުން ތާރުއަޅައިގެން ތަރައްޤީ ކޮށްފައިވާ މަގުތަކުގެ އަރިމަތީގައި ގިނަ އަދަދަކަށް މައު ގަސް އިންދައި ވަނީ ޒީނަތްތެރި ކޮށްފައެވެ.
ދުރުން ހޯރަފުށި ފެންނައިރު އެއާޕޯޓަށްދާ މަގުގައި ބަރިއަކަށް އިންދާފައިވާ ރުއްތަކާއި އަތިރިމަތީގެ އެކި ސަރަހައްދުތަކުގައި ބަރިއަކަށް އިންދާފައިވާ ރުއްތަކުގެ އިތުރުން ހޯރަފުށީ ފަޅުތެރޭ ތަރައްޤީ ކޮށްފައިވާ ޝޯ ޕްރޮޓެކްޝަން އައިލެންޑް (ޕިކްނިކް އައިލެނެޑް)ގައި ހައްދާފައިވާ ރުއްތަކުގެ ސަބަބުން ހޯރަފުށީގެ މަލަމަތި ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ.

ވަށައިގެން ހިތްގައިމު ބޮޑު ފަޅު އޮންނަ ހޯރަފުއްޓަކީ ބިމުގެ ގޮތުން 110 ހެކްޓަރުގެ ރަށެކެވެ. ދުވާލަކު ތިން ފްލައިޓް ހޯރަފުއްޓަށް އޮޕަރޭޓް ކުރަމުން އަންނައިރު މިހާރު ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް ހޯރަފުއްޓަށް ދަތުރު ކޮށްލުމަކީ ފަސޭހަކަމެކެވެ. އެންމެ އުތުރުގެ ތިން އަތޮޅުންނަމަ ހެޔޮ އަގުގައި އާރުޓީއެލް ފެރީ ނިޒާމްތެރެއިން ހޯރަފުއްޓަށް ޖައްސާލެވޭނެއެވެ.

އާއިލާއާއިއެކު ޗުއްޓީހަދާލައި މޫދަށް އެރިލަން މި ރަށަކީ ހަމަ އެންމެ ރަނގަޅު އެއް ޗޮއިސްއެވެ. އެ ރަށުގެ ފަޅުތެރޭގައި އިތުރު ފަޅުރަށްތަކެއް ވެސްވެއެވެ. މިގޮތުން އިންނަފިނޮޅާއި މާފިނޮޅު އަދި ވެލިފިނޮޅުގެ އިތުރުން މަތީރަށްފުޅާއި ހަތިފުއްޓަކީ ޒިޔާރަތް ކޮށްލަން ހަމަ ވަރަށް ހިތްގައިމު ތަންތަނެވެ.

ހޯރަފުށީގައި މިހާރު ވެސް ބައެއް މޫދުކުޅިވަރުތަކުގެ ޚިދުމަތްލިބޭ ގެސްޓް ހައުސް އެބަހުއްޓެވެ. ކުޑަކުދިންގެ ޕާކާއި ރަނގަޅު ފެނަވަރުގެ ކެފޭ ރެސްޓޯރެންޓްތައް މިހާރު ވެސް އެ ރަށުގައި އެބަހުއްޓެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
ވަކި ރަށަކަށް ތަރައްގީ އޮއްސާފަ އެހެން ރަށްރަށު ރައްޔިތުންގެ ގެ ހައްގު ކޮބާ
ތަރައްގީ އަންނާނީ ތަރައްގީ ކުރަން އުޅުނީމަ. ކައުންސިލާ މެމްބަރާ ތުން ދަމާފަ. ސަރުކާރާ ރައްޔިތުންނާ ތުން ދަމާފަ
އުތުރު އަވަށާ ދެކުނު އަވަށާ ތުން ދަމައިން ތަރައްގީ އެއް ނުކުރެވޭނެ. ކަމެއް ކުރަން އުޅޭ ބަޔަކަށް ކަމެއް ލިބޭނި.
ތިރަށުގެ ގިނަޒުވާނުން ތިބީ މަސްތުގެ ވަބައިގަ ޖެހިފަ. ގިނަ މަސް ދޯނިފަހަރު ފަޅުގަ ހަމަ އެކަނި ވީ ކޮށްފަހުރީ ޕާކު އެޅުން
މަސްތުވާ އެއްޗެއްސޭ ފަޅޮލޭ ކިޔައިގެން ފިތުނަ ހައްދަން ތިއްބާ ހޯރަފުށި އެދަނީ އަތުނުޖެހޭ ހިސާބަށް، މަ ނުދެކެން އެހާ މީހުން ހެޔޮ ރަށެއް