ތިލަދުންމަތީ އުތުރުބުރި ބާރަށުގައި ފަތުރުވެރިކަން ތަރައްގީކުރަން ކުރިއާލާ ވިސްނަވާ، ތައްޔާރުވެތިބުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެދިވަޑައިގެންފިއެވެ.
ކެމްޕެއިން ދަތުރުފުޅުގައި އެރަށަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރަށު ފަތުރުވެރިކަން ތަރައްގީކުރުމަށް ބާރަށަށް ވުރެ "ފައްކާ" ރަށެއް އޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.
ބާރަށަކީ ހަނިމާދޫގައި ވަރަށް ކައިރީގައި އޮތް ރަށެއްކަން ފާހަގަކުރައްވާ ވަނީ ބާރަށަކީ މުސްތަގުބަލު އޮތް ރަށެއް ކަމަށާއި ފަތުރުވެރިކަން ތަރައްގީކުރަން ކުރިއާލާ ވިސްނަވާ، ތައްޔާރުވެތިބުމަށް ވެސް އެދިވަޑައިގެންފައެވެ. އަދި ކުރިއަށް އޮތް ދައުރުގައި ސިޔާސަތުގެ ތެރޭގައި ގެސްޓް ހައުސް އަޅަން ވަކިން ފަންޑެއް ހުޅުވައި އެ ފަންޑުން ލުއި ލޯން ލިބޭ ގޮތް ހައްދަވައިދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ސާލިހު ވަނީ ބާރަށުގައި ބައެއް މައްސަލަތައް އެބަހުރިކަން ފާހަގަކުރައްވާ އެންމެ ބޮޑު އެއް މައްސަލައަކަށް ދިމާވެފައި އޮތީ ކުރީ ސަރުކާރުން އެ ރަށުގައި އަޅަން ފެށި ނަރުދަމާގެ ނިޒާމު ނުނިމުނު މައްސަލަކަމަށް ވިދާޅުވެފައެވެ.
"މީގެ ރަށްތަކެއް މި ވެރިކަމަށް އައުމާއެކު ފާހަގަވި. ބާރަށު އެ މައްސަލަ ހައްލުކުރަން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން." ރައީސް ސާލިހު ވިދާޅުވިއެވެ.
މީގެ އިތުރުން ބާރަށުގައި ކުރަން ހުރި މަސައްކަތްތަކުގެ ތެރޭގައި މިހާރުވެސް ފެނުގެ ހިދުމަތް ދިނުމުގެ އަމަލީ މަސައްކަތް ދަނީ ކުރަމުން ކަމަށާއި މި ދައުރު ނިމެންވާއިރަށް އެރަށުގެ ހުރިހައި ގެއަކަށް ފެނުގެ ހިދުމަތް ލިބި ސާފު ބޯފެން ލިބޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ސިއްހީ މަރުކަޒަށް ބޭނުންވެފައިވާ ޖާގަ އިތުރުކުރެވިފައިވާ ކަމަށާއި ފުޓްސަލް ދަނޑާއި އައުޓް ޑޯ ޖިމާއި އޭޓީއެމްގެ މަސައްކަތް ނިމިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވަނީ ބާރަށުގެ ރައްޔިތުން އެދޭ ގިނަ ކަންތައްތަކެއް ވެސް ހުރިކަން ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި އެރަށު ސްކޫލްގެ މަލްޓިޕާޕަސް ހޯލާއި ސްކޫލުގެ އޮފީސް އިމާރާތް ކޮށްދިނުން ހިމެނޭ ކަމަށާއި ކުރިއަތް ދައުރުގެ ކުރީ ކޮޅު އެކަންކަން ކޮށްދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ހަމަމިއާއެކު ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމުން ބާރަށުގެ ރިންގް ރޯޑާއި ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ކުރިއަށް އޮތް ދައުރުގައި ހަދައިދެއްވާނެ ކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި އާރްޓީއެލް ހިދުމަތާއެކު މުޅި ބޮޑު ތިލަދުންމަތި އެކީގައި ގުޅުމުން ކޮންމެ ރަށަކަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!