މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫން ވާދަކުރެއްވުމަށް ނިންމަވައި، ފޯމު ހުށަހަޅުއްވައިފިއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް އެމްއާރްއެމް އިން ޕްރައިމަރީއެއް ބާއްވަން ނިންމައި، އެކަމަށް އެދޭ މެމްބަރުންނަށް ފުރުސަތު ހުޅުވައިލާފައިވަނީ މި ޖުލައި މަހުގެ 25 ވަނަ ދުވަހުއެވެ. އަދި އެ ފުރުސަތު މިއަދު ހަމަވާނެއެވެ.
މައުލޫމާތު ލިބިފައިވާ އެ ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް މިހައިތަނަށް ފޯމު ހުށަހަޅުއްވާފައިވަނީ ވެސް ފާރިސް ގިނިކަންޏާއެވެ.
އެމްއާރްއެމް އިން ކޮށްފައިވާ އިއުލާނުގައި "އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު، ޕާޓީގެ އޮފީހަށް ހުށަހެޅުމަށް ވަނީ އެދިފައެވެ. އަދި އެޕްލިކޭޝަން ފޯމާއި އިންތިހާބުގެ ޓައިމްލައިން އެ ޕާޓީގެ ވެބްސައިޓު http://www.mrm.mv އަދި ޕާޓީގެ އޮފީހުން ލިބެން ހުންނާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
އެމްއާރްއެމް އިން ބުނީ މި ޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ އެޕާޓީގެ ދަފްތަރުގައި ހިމެނޭ މެމްބަރުންނަށް ކަމަށެވެ.
މީގެ އިތުރުން އެޕާޓީގެ ޓިކެޓުގައި ވާދަކުރަން ހުށަހަޅާ ފަރާތްތަކަކީ ރިޔާސީ އިންތިހާބު 2023 ގައި ވާދަކުރުމަށް އެދި އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައިވާ ހުރިހައި ޝަރުތެއް ފުރުހަމަވާ މީހަކަށް ވާންވާނެ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި ޕާޓީގެ މެމްބަރެއްގެ ގޮތުގައި އެއް އަހަރު ވެފައިވާ، ޕާޓީގެ އިގުރާރުގައި ސޮއިކޮށް ހުށަހަޅާ ފަރާތްތަކަށް ކަމަށް ވެސް އިއުލާނުގައި ވަނީ ބުނެފައެވެ.
އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ މި ޖުލައި މަހުގެ 31 ގެ ހަވީރު 4 ޖެހުމުގެ ކުރިން، ކަމާއިބެހޭ މުއައްސަސާތަކުން ސާފުކުރަން ޖެހޭ މައުލޫމާތުތައް ސާފުކޮށް، ލިޔެކިއުންތަކުގެ ކޮޕީ ވެސް ހުށަހަޅަން ޖެހޭނެ ކަމަށާއި އަދި އެއީ އެމީހެއްގެ އަމިއްލަ ކަމެއް ކަމަށެވެ.
އެމްއާރްއެމް އިން ބުނެފައިވާ ގޮތުގައި ޕްރައިމަރީ އަށް ނަން ހުށަހެޅުމަށްފަހު، ނަން އަނބުރާ ގެންދެވޭނީ ޖުލައި 28 ވަނަ ދުވަހުގެ މެންދުރު 2 ޖެހުމާއި ހަމައަށް ކަމަށާއި ކެންޑިޑޭޓުންގެ ނަން އިއުލާން ކުރާނީ 28 ޖުލައި ގެ ހަވީރު 4 ޖަހާއިރު ކަމަށެވެ. އަދި ނަން ތަރުތީބުކުރުން އެދުވަހުގެ ހަވީރު 4:30 ގައި އޮންނާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
އެމްއާރްއެމްގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވަނީ އޮގަސްޓު 1 ވަނަ ދުވަހުއެވެ.
އެ ޕާޓީން ރޮޔާސީ ޕްރައިމަރީ އެއް ބޭއްވުމަށް ނިންމާފައިވާއިރު، މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގުޅިގެން އެއް ކެންޑިޑޭޓެއް ނެރުމަށް ޖުލައި 25 ވަނަ ދުވަހު ވަނީ މަޝްވަރާތަކެއް ވެސް ކޮށްފައެވެ.
މީގެ އިތުރުން ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ދިން ދައުވަތަށް އެމްއާރްއެމް އިން މިހާރުވަނީ ނޫނެކޭ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!