ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއުރާތަކުގެ އަދަދު އަންނައަހަރު އިތުރުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަނުން ވިދާޅުވީ 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތަކަށް 6 ގޮނޑި އިތުރުވާނެ ކަމަށެވެ.

Ad
rt

ރައްޔިތުންގެ މަޖިލީހުގެ ގޮނޑީގެ އަދަދަށް ބަދަލު ގެނައުމަށް އެ ކޮމިޝަނުން ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާއި ބެހޭ ގާނޫނުގެ 8 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާގޮތުގެ މަތިން މިއަދު ބޭއްވި އެ ކޮމިޝަނުގެ 794 ވަނަ ޖަލްސާގައެވެ.

އެގޮތުން މަޖިލީހަށް އިތުރުވާ 6 ގޮނޑިއަކީ މާލޭ ސިޓީ އަށް 2 ގޮނޑި، އައްޑޫ ސިޓީ އަށް 1 ގޮނޑި، މާޅޮސްމަޑުލު ދެކުނުބުރިއަށް 1 ގޮނޑި، މާލެއަތޮޅަށް 1 ގޮނޑި އަދި ހުވަދުއަތޮޅު އުތުރުބުރިއަށް 1 ގޮނޑި އެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ ކޮންމެ އިދާރީ ދާއިރާއެއްގެ ރަޖިސްޓަރީ ކުރެވިފައިވާ މީހުންގެ ޖުމްލަ އާބާދީގެ އަދަދުތަކުގެ ތަފްސީލް ވަރަށް އަވަހަށް އާންމުކުރާނެ ކަމަށެވެ.

ރާއްޖޭގެ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅަނީ ރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީގެ ފުރަތަމަ ފަސް ހާސް މީހަކަށް ނުވަތަ ފަސް ހާސް މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުންނެވެ.

ފަސް ހާސް މީހުންނަށް ވުރެ އިތުރުވާނަމަ އާބާދީގެ ފުރަތަމަ ފަސްހާސް މީހުންނަށް ވުރެ އިތުރުވާ ކޮންމެ ފަސްހާސް މީހަކަށް މެންބަރެއް އިތުރު ކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބަވަނީ 87 މެމްބަރުންނެވެ.