މީހަކު ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލަށް ގެންދިޔައެވެ. އޭނާ ބާއްވާފަ އޮތީ ހޮސްޕިޓަލުގެ އޮބްޒަރވޭޝަން ގައެވެ. މުޅިތަންވަނީ ތޮއްޖެހިފައެވެ. ޑޮކްޓަރުންވެސް އެހިސާބަށް ގޮސް ހަދަންޖެހުނީ މީހުން ދުރުކޮށްގެންނެވެ.

ހާޓްއެޓޭކް ޖެހިފައިއޮތް މީހާގެ ވަރަށް ގާތް ރަހްމަތްތެރިބަޔަކު އެތަނުގައި ތިއްބެވެ. އެއިގެތެރެއިން މީހަކު ބުންޏެވެ.

Ad
rt

“އޭ! އަދި މިއީވެސް އެއްޗެއް ތަތްކޮށްލަންޖެހޭ ތަނެއްނު!”

އޭނާ މިހެން ބުނެލީ ބަލިމީހާގެ ގައިގެ އެތަންމިތަނުގައި ބަލިމީހާގެ ވައިޓަލް ސައިންތައް (ހާލުއަންގައިދޭ ތަފާތު ވަޒަންތައް) ދެނެގަތުމަށް، މެޝިންތަކާ ގުޅާފައިހުރި ހުރި ވާތަކުގެ ކޮޅުތަކަށް އިޝާރާތް ކޮށްފައެވެ. (އަޅުގަނޑު ނުދެންނެވި ކަމުގައި ވިޔަސް، މޭމަތީގައި ތަންކޮޅެއްގައި ކޮށްޓާލާފައި އެދެއްކީ ކޮންތަނެއްކަން މިހާރު އެނގިވަޑައިގެންފި ކަމަށް އުންމީދުކުރަމެވެ.)

ޖެހިލުންކުޑަ، މަޖާ މިމީހާ، ފުރާނަޔާ ހަނގުރާމަކުރަން އޮތް އޭނާގެ ރަހްމަތްތެރިޔާއަށް މިކޮށްލި “ސަމާސާ” އަށް، އެތަނުގައި ތިބި އޭނާގެ ބައިވެރިން މަޖާވެ ހީނގަތެވެ. މިބައިމީހުން ހޮސްޕިޓަލުން އައިސް، ދެން ދިމާވީ އެމީހުންގެ ރަހްމަތްތެރިންނަށް، ހީހީ މަޖާކޮށްފައި މިވާހަކަ ކިޔާދިނެވެ. އެއީ ދިވެހިންނެވެ. ހަމަ ތަސައްރަފުފުދިފައިތިބި، ތަންދޮރުދަންނަ، ޒިންމާދާރު ބޮޑެތި މީހުންނެވެ.

މިއީ އަޅުގަޑުމެންގެ މުޖުތަމައުގެ ހާލަތު މިއަދު ހުރިގޮތެވެ. ކޮންމެ ކަމަކީ އުފަލާއި މަޖަލެކެވެ. އަނެކުންނަށް ރަހުމާއި ހަމްދަރުދީ އެއީ އަޅުގަޑުމެން ނުދަންނަ އެއްޗެއް ކަހަލައެވެ. މީހަކަށް މަލާމާތްކޮށްލާ ފުރައްސާރަ ކޮށްލުމުގެ ފުރުސަތަކީ، ބަނގުރާބޮއި މަސްތުވެފައި ނެތަސް ދިވެހިންނަށް އުނދަގޫ ކަމެއް ނޫނެވެ. މިއީ ކޮންމެ ދުވަހަކު އެތައް ފަހަރަކު އަޅުގަޑުމެން ތަޖުރިބާ ކުރާ ހަގީގަތެކެވެ. ފަހަރެއްގައި “ގައުމަށްޓަކައި” މިވާހަކަޔަށް ދެކޮޅުހަދާ ރައްދުދެއްވާ ބޭފުޅުން ތިއްބަވާފާނެއެވެ. އެބޭފުޅުން އެދެކެވަޑައިގަންނަވާ “ދިވެހިރާއްޖެ” އެއް ހަގީގަތުގައި މިހާރަކު ނެތެވެ.

މިފަދަ ވާހަކަތައް އަޅުގަޑުމެން ބޭނުންވަނީ ފޮރުވާފައި ބަހައްޓާށެވެ. އެކަންކަން އެއީ ނެތްކަންކަމަށް ހަދައިގެން، ލޯމަރައިގެން ތާއަބަދަށް ދުނިޔޭގައި އުޅޭށެވެ. އެކަމަކު ދުނިޔެ އުމުރަށް “ދޮގު” ގެތެރޭގައި ނުއުޅެވޭނެކަން އަޅުގަޑުމެން ގަބޫލުކުރަން އެބަޖެހެއެވެ.

އަޅުގަޑުމެންގެ އިގުތިސާދުގެ މައިސޯބުގެ ގޮތުގައި އޮތް ޓޫރިޒަމް ދާއިރާ އަނދަވަޅަކަށް ވެއްޓިގެން ދިޔައީ އެހެންވެގެންނެވެ. ލޯކުރިމަތީގައި ހިނގާ ވިޔާނުދާ ކަންކަމަށް ލޯމަރައިގެން ތިބޭބަޔަކަށް ދިވެހިން ވީމައެވެ. އުފަލަށާއި މަޖަލަށް ކޮންމެކަމެއް “އޯކޭ” ބައެއް ކަމުގައި ވުމުގެ ތަރުބިއްޔަތު ދިވެހިންނަށް ލިބުނީމައެވެ.

އެހެންނަމަވެސް، މިއަދުގެ ހަގީގަތަކީ، އެހެންމީހުންގެ އިހްސާސްތަކަށް އިހްތިރާމް ކުރަން ދަންނަ، އިހްތިރާމްކުރާ، ތިމާ ނޫން މީހުންނަށް ވެސް ކަމޭހިތަން ދަސްވެފައިތިބި ދިވެހިދަރީން މިގައުމުގައި ބިނާކުރެވިގެން ނޫނީ، ކިތަންމެ ރީތި ގޮނޑުދޮށާ ގުދުރަތީ ރީތިކަމެއް ލިބިފައިވާ ވެށްޓެއް އޮތްކަމުގައި ވިޔަސް، މިދިވެހިރާއްޖޭގެ މުސްތަގުބަލެއް ނެތެވެ. މިދިވެހިރާއްޖޭގައިވެސް، އަނެއް ދިވެހިރާއްޖޭގައި ވިޔަސް މެއެވެ.