ޝެއިޚް އިލްޔާސް ޖަމާލް އެމްޑީއޭ އަށް ގުޅިވަޑައިގަތުމަކީ ޕާޓީ ކުރިއަރާ ދިއުމަށް ހުޅުވިގެން ދިޔަ އިތުރު ދޮރެއް ކަމުގައި މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސް (އެމްޑީއ)ޭ އިން ބުނެފިއެވެ.
ޝެއިޚް އިލްޔާސް ޖަމާލް އެމްޑީއޭ އަށް ގުޅިވަޑައިގަތުމާއި ގުޅިގެން އެމްޑީއޭގެ ސެކްރެޓިއޭޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ޝެއިޚް އިލްޔާސް ޖަމާލް ގުޅިވަޑައިގަތުމަކީ ޕާޓީގެ އާންމު މެންބަރުންނާއި ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ލިބުނު ވަރަށްބޮޑު އުފަލެއް ކަމަށެވެ.
މީގެ އިތުރުން މިއީ ސިޔާސީ ގޮތުން ޕާޓީ ކުރިއަރާ ދިއުމަށް ހުޅުވިގެން ދިޔަ އިތުރު ދޮރެއް ކަަމަށާއި ޕާޓީގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު އާއި ޕާޓީގެ ލީޑަޝިޕުންނާއި ޕާޓީގެ އާންމު މެންބަރުންގެ ފަރާތުން ޝެއިޚް އިލްޔާސް ޖަމާލް އަށް މަަރުޙަބާ ދަންނަވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
ޝެއިޚް ވިދާޅުވެފައިވަނީ އެ ޕާޓީއަށް ގުޅި، ސޮއި ކުރީ ފުޅާ ދާއިރާއެއްގައި އިސްލާމް ދީނަށް ޚިދުމަތް ކުރުމަށް އެ ޕާޓީގެ ދީނީ ކައުންސިލާ ހަވާލުވުމަށް އެމްޑީއޭގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ދެއްވި ދައުވަތަކަށް ކަމަށެވެ.
ކީރިތި ޤުރްއާނާއި ބެހޭ މަރުކަޒުގެ ރައީސްކަން ކުރައްވާ، އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝެއިހް އިލްޔާސް ޖަމާލް ވަނީ މުސްލިމް ވޯލްޑް ލީގުގެ މާލޭ އޮފީހުގެ ސެކެޓަރީ ކަމާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އޮޕަރޭޝަންސް މެނޭޖަރު ކަމާއި ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކެޓަރީކަން ވެސް ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!