ހއ. ފިއްލަދޫ އިން 3000 އަކަފޫޓުގެ 78 ބަންޑާރަ ގޯތި ދޫކުރަން ނިންމައިފިއެވެ.

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ އިން ދިވެހިސަރުކާރުގެ ގެޒެޓުގައި ކުރައްވާފައިވާ އިއުލާނުގައި ވިދާޅުވެފައިވަނީ އެރަށުން ބަންޑާރަ ގޯއްޗަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ 3000 އަކަފޫޓުގެ 78 ގޯތި ކަމަށެވެ.

Ad
rt

މި ގޯތި ދޫކުރާނީ، ބަންޑާރަ ގޯތި ދޫކުރުމަށް އެ ކައުންސިލުން ފާސްކޮށް އާންމުކޮށްފައިވާ އުސޫލާއި އެއްގޮތަށް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ގޯއްޗަށް އެދި ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ދިވެހިރައްޔިތެއް ކަމުގައިވުމާއި ގޯތި ދޫކުރުމަށް އިއުލާންކުރެވޭ ދުވަހާއި ހަމައަށް މީލާދީ ގޮތުން ޢުމުރުން 18 އަހަރު ފުރިފައިވާ މީހެއް ކަމުގައިވުން ހިމެނެއެވެ.

މީގެ އިތުރުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ނުވަތަ "ނުއުފުލޭ މުދަލުން ލިބިގެން ނުވަތަ އެނޫންވެސް ގޮތަކުން ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް ލިބިފައިނެތުން ނުވަތަ ލިބިފައިވާނަމަ ލިބިފައިވާ ބައި މިއުސޫލާ އެއްގޮތަށް ދޫކޮށްލުން" ވެސް ހިމެނެއެވެ.

ހަމަމިއާއެކު ގާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާގެ ބޭނުމަށް "ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ތަރިކައިގެ އުޞޫލުން ބަހައިގެން ބިމުން ލިބެން އޮންނަބައި މި އުސޫލާއި އެއްގޮތްވާގޮތުގެމަތިން ދޫކޮށްލަން އެއްބަސްވުން" ހިމަނާފައިވާއިރު، ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ ސަރުކާރުން ރާވާ އިންތިޒާމްކުރާ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ދޫކުރާ ނުވަތަ މިލްކު ކުރާ ފުލެޓެއް، އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި އަދި ލިބިފައި ނެތުން، އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ މިތަން ދޫކޮށްލާތާ ނުވަތަ ވިއްކާލާފައިވާތާ 05 އަހަރަށްވުރެން ގިނަދުވަސް ވެފައިވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމަނާފައި ވެއެވެ.

އެރަށުން ގޯއްޗަށް އެދޭ ފަރާތްތަކުން 11 ޖުލައި ން 17 އޮގަސްޓް ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:30 ގެ ކުރިން، ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށް ފަހު ހުށައަޅަންޖެހޭ ލިޔެކިޔުންތަކާއިއެކު އެރަށު ކައުންސިލު އިދާރާއަށް ފޯމް ހުށަހެޅުމަށް ވަނީ އެދިފައެވެ.

އެ ކައުންސިލުން ވިދާޅުވީ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 13:30 އަށް އެ އިދާރާއިން ކަމަށާއި އެފޯމު އެ އިދާރާއިން ލިބެންހުންނާނެ ކަމަށެވެ.

މީގެ އިތުރުން ފޯމް އީ-މެއިލް admin@filladhoo.gov.mv މެދުވެރިކޮށް ވެސް ބަލައިގަންނާނެ ކަމަށާއި އީ-މެއިލް މެދުވެރިކޮށް ފޯމް ހުށައަޅަންވާނީ ފޯމާއި އެކު ހުށައަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަށް PDF ފޯމެޓްގައި ކޮމްޕައިލް 1 ފައިލެއްގެ ގޮތުގައި ކަމަށް ވެސް ފިއްލަދޫ ކައުންސިލުން ވިދާޅުވެއެވެ.

ފިއްލަދޫ ކައުންސިލުން ވިދާޅުވީ އީމެއިލް ޒަރިއްޔާއިން ފޯމް ހުށައަޅުއްވާނަމަ ފޯމް ލިބުނުކަން ކަށަވަރު ކުރުމަކީ އެފަރާތުގެ ޒިންމާއެއް ކަމަށެވެ.