މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އަށް އެއް ލައްކަ ރުފިޔާގެ އެހީއެއް ދީފިއެވެ.

މިއީ ކެންސަރު ސްކްރީނިން އެޕްލިކޭޝަނަކާއި ޑޭޓާބޭސް އެއް އުފެއްދުމަށް އެހީތެރިވުމުގެ ގޮތުން ދިން އެހީއެކެވެ.

Ad
rt

އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ދަށުން ދިން އެހީ އާއި ގުޅޭގޮތުން އެމްއޭސީއެލް އިން ބުނީ މި ހަދިޔާއަކީ މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

"މިހާރު ކެންސަރުގެ ހުރިހައި ސްކްރީނިން ހަދަނީ ފިޒިކަލް ފޯމްތައް ބޭނުން ކޮށްގެން. ޑޭޓާ މެނޭޖް ކުރަނީ މެނުއަލްކޮށް. އެހެންވެ އެކަމަށް ހައްލެއް ގެނެސް ލުއިފަސޭހަ ގޮތަކަށް އެކަން ކުރުން ބޭނުމަކީ." އެމްއޭސީއެލް އިން ބުންޏެވެ.

މީގެ އިތުރުން އައު އެޕްލިކޭޝަން އުފެއްދުމުގެ ސަބަބުން މި މަސައްކަތަށް އިންގިލާބީ ބަދަލެއް އަންނާނެކަން ފާހަގަކޮށް ބުނީ މިކަމުގެ ސަބަބުން ހަރުދަނާ އަދި ސިއްރު ސްކްރީނިންތަކަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އިން މިހައިތަނަށް ވަނީ އުރަމަތީގެ ކެންސަރާއި އަނގައިގެ ކެންސަރާއި ސާވިކަލް ކެންސަރު ފަދަ ތަފާތު ވައްތަރުގެ ކެންސަރަށް 20،900 އަށްވުރެ ގިނަ މީހުން ސްކްރީން ކޮށްފައެވެ. އަދި އެ ސޮސައިޓީން މިއަހަރު ވަނީ ޕްރޮސްޓޭޓް އަދި ކޮލޮރެކްޓަލް ކެންސަރު ސްކްރީނިން ތައާރަފް ކުރަން ނިންމާފައެވެ.

އެމްއޭސީއެލް ކޯޕަރޭޓް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްގެ ނީނާ މަންސޫރަށް މި އެހީގެ ޗެކް ހަވާލުކޮށް ދެއްވީ އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ މަހުޖޫބް ޝުޖާއުއެވެ.