އިންސާފު ހޯދުމުގެ ޚަރަދު ބޮޑުވާނަމަ އިންސާފު ލިބުމަށް ހުރަސް އެޅިގެންދާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ.

ކ. ހުރާ މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ހުޅުވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ފަސޭހަކަމާއެކު އިންސާފު ފޯރުކޮށްދިނުމުގައި އެންމެ މުހިންމު އެއް ކަމަކީ އިންސާފު ހޯދުމަށް ރައްޔިތުން ކުރަންޖެހޭ ހަރަދު ކުޑަކުރުން ކަމަށެވެ.

Ad
rt

ރާއްޖޭގައި ވެސް ފީ އަކާ ނުލާ މަސައްކަތްކޮށްދެއްވާ ވަކީލުން އެބަ ތިއްބެވި ކަމަށާއި އެބޭފުޅުން އެކުރައްވާ މަސައްކަތުން ރައްޔިތުންނަށް އިންސާފަށް ވާސިލްވުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާކަން ފާހަގަކުރެއްވިއެވެ. އަދި އެބޭފުޅުން ކޮށްދެއްވާ މަސައްކަތުގެ އަގު ވަޒަންކޮށް އެފަރާތްތަކަށް އުއްތަމަ ފަނޑިޔާރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން ޝަރީއަތްތަކާ ގުޅުންހުރި ދުވަސްވީ ލިޔުންތައް ފަނޑިޔާރުން ދިރާސާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލި އަޅުވައިލައްވާ ވިދާޅުވީ މިފަދަ ދިރާސާތައް ކުރުމަކީ ފަނޑިޔާރުންގެ އިލްމީ ގާބިލްކަން އިތުރުވެގެންދާނެ ކަމެއްކަމަށެވެ. އަދި މިފަދަ ދިރާސާތައް ކުރުމަކީ ޢަދަލު އިންސާފު ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ މުހިންމު އިލްމީ ވަސީލަތަކަށް ވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ހުރާ މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތަކީ، 2021 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެރަށު ކައުންސިލާއި ހަވާލުކުރެވިގެން ކުރެވުނު މަސައްކަތެކެވެ.

އެރަށު މެޖިސްޓްރޭޓް ކޯޓު މީގެކުރިން ހިންގަމުން އައީ ދެ ކޮޓަރީގެ ޖާގައިގެ ދަތިކަން ހުރި ޢިމާރާތެއްގެ ތެރޭގައެވެ. އެގޮތުން ޝަރީޢަތްތައް ހިންގުމާއި، އިދާރީ މަސައްކަތްތަކާއި، ކޯޓުގެ އިދާރީ ހިންގުމާގުޅޭ އެންމެހައި ކަންކަން ހިންގައި ބަލަހައްޓަމުން ގެންދިޔައީ ވަރަށް ދަތިކޮށްކަމަށް ޖުޑީޝަރީން ފާހަގަކުރައްވައެވެ.

އެހެންނަމަވެސް އައު އިމާރާތް ފަރުމާކުރެވިފައިވަނީ، މިހާރުގެ ގާނޫނުތަކުން ތަސައްވަރު ކުރާ ފަދަ ގޮތަކަށް ޝަރީއަތްތައް ހިންގުމަށް ބޭނުންވާނެ ޖާގައާއި ވަސީލަތްތައް ހިމެނޭ ގޮތަށެވެ.