ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ރާއްޖެ ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އިތުބާރު ހުރި މަސްދަރަކުން ލިބިފައިވާ މައުލޫމާތަށް ބުރަވާއިރު، އަލީ މާލެ ވަޑައިގަންނަވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. އަދި އަލީ ވަޑައިގަންނަވަނީ ތުރުކީގެ އިސްތަންބޫލު މަގުންނެވެ.
އޭނާ ރާއްޖެ ވަޑައިގަންނަވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާތައް ޕީޖީ އިން އަނބުރާ ގެންދިޔުމުންނެވެ.
ޕީޖީ އޮފީހުން ވިދާޅުވެފައިވަނީ ދައުވާތައް އަނބުރާ ގެންދަން ނިންމީ، އަލީ ވަހީދުގެ ފަރާތުން އަނިޔާ ލިބުނު ކަމަށް ބުނެ ކުރިން ބަޔާންދިން މީހުންނާއި އަލީ ވަހީދާ ދެކޮޅަށް ހެކިބަސް ދޭން ބަޔާން ދިން މީހުން މި މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ބުނުމުން ކަމަށެވެ. އަދި ބަޔާންތައް އަނބުރާ ގެންދަން އެދި ފުލުހުންނަށް ތަކުރާރުކޮށް އަންނަނީ ސިޓީ ފޮނުވަމުން ކަމަށެވެ.
އެހެންވެ މައްސަލަ އަލުން މުރާޖައާކޮށްދޭން ފުލުހުން އެދުނު ކަމަށް ވެސް ނޫސްބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އަލީ ވަހީދުގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރުމާއި ޖިންސީ އަނިޔާ ދިނުމުގެ ދައުވާއެވެ. އަދި ރޭޕްކުރަން އުޅުމާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމުގެ ދައުވާ ވެސް އުފުލާފައި ވެއެވެ.
އެ ދައުވާތައް އޭނާގެ މައްޗަށް އުފުލާފައިވަނިކޮށް، އޭނާ ރާއްޖޭން ބޭރަށް ފުރައިގެން ދިޔަ ގޮތަށް އަނބުރާ ރާއްޖެއަށް ނައުމުން އެމައްސަލަތައް ކޯޓުގައި ކުރިއަށް ނުގެންދެވި ވަނީ ހުއްޓިފައެވެ.
އެ މައްސަލަތައް އަނބުރާ ގެންދިޔަ ނަމަވެސް ސުޕްރީމް ކޯޓުގައި ޕީޖީން އިސްތިއުނާފުކުރި މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ނުވުމުން އަލީ ވަހީދު ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމުގެ ހުކުމެއް ކޮށްފައެެވެ. މި ހުކުމް އަދުވެސް އެބައޮތެވެ.
އަލީ ވަހީދު ދިރިއުޅެމުން އައީ އިނގިރޭސި ވިލާތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!