ހދ. ހިރިމަރަދޫ ކުލަބް ޑޮމިނޭޓާސްގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ، އެ ކުލަބުގެ ފުޓްސަލް މުބާރާތާއި ފައިގަތަޅާ މުބާރާތް ފަށައިފިއެވެ.
ފިރިހެނުންނަށް ހާއްސަ ކޮށްގެން "ޑޮމިނޭޓާސް ފުޓްސަލް ކަޕް 2023" ގެ ނަމުގައި ކުރިއަށް ގެންދާ ފުޓްސަލް މުބާރާތް ފަށާފައިވަނީ ރޭގައެވެ. ރޭ މި މުބާރާތުގެ ދެ މެޗު ކުޅުނެވެ. ފުރަތަމަ މެޗުގައި ރޭ 20:30 ގައި ބައްދަލުކުރީ އެފްސީ ޓައިޓަންސްއާއި އެމްޑަބްލިއުއެސްސީއެވެ. މި މެޗު 11-3 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ޓައިޓަންސްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޓައިޓަންސްގެ މުޙައްމަދު ނަޝީދުއެވެ.
މި މުބާރާތުގެ ދެވަނަ މެޗުގައި ރޭ 21:35 ގައި ބައްދަލުކުރީ ލަ މާސިއާއާއި ކުރިމަގު ސްޕޯޓްސް ކުލަބެވެ. މި މެޗު 4-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ ކުރިމަގެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ކުރިމަގުގެ އަޙްމަދު އާސިފެވެ.
މި މުބާރާތުގެ ދެ މެޗު މި ރޭ ވެސް ކުޅޭނެއެވެ. ފުރަތަމަ މެޗުގައި މިރޭ 20:30 ގައި ބައްދަލުކުރާނީ ލަ މާސިއާއާއި އެފްސީ ޓައިޓަންސްއެވެ. ދެވަނަ މެޗުގައި 21:35 ގައި ބައްދަލުކުރާނީ އެމްޑަބްލިއުއެސްސީއާއި އިންފިނިޓީއެވެ.
ޑޮމިނާސް އިން ފަށާފައި ފުޓްސަލް މުބާރާތުގެ މެޗެއްގެ ތެރެއިން، ފޮޓޯ: ޑޮމިނާސް
ކަނބަލުންނަށް ހާއްސަ ކޮށްގެން "ޑޮމިނޭޓާސް ފައިގަތަޅާ ފޯރި 2023" ގެ ނަމުގައި ކުރިއަށް ގެންދާ ފައިގަތަޅާ މުބާރާތް އިއްޔެ ހަވީރު ފަށާފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރީ ޓީމް ގޮމައާއި އެނދިނޭނދިއެވެ. މި މެޗު 11-8 އިން ކާމިޔާބު ކުރީ އެނދިނޭނދިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ގޮމަ ޓީމްގެ ނުސްރަތު އަބްދުއްރަޙްމާނެވެ.
މި މުބާރާތުގެ މެޗެއް މިއަދު ވެސް ކުޅޭނެއެވެ. މިއަދު ހަވީރު 16:45 ގައި ފަށާ މި މެޗުގައި ބައްދަލުކުރާނީ ޓީމް ގޮމައާއި ލޭޑީ ލޭޑީ އެވެ.
ފައިގަތަޅާ މުބާރާތުގެ ތިން ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ޓީމް ގޮމް، އެނދިނޭނދި އަދި ލޭޑީ ލޭޑީ އެވެ. މި މުބާރާތް ކުރިއަށް ގެންދަނީ ކޮންމެ ޓީމަކާއި ކޮންމެ ޓީމެއް ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލުގައި ވާދަކުރާ ގޮތަށެވެ.
ފައިގަތަޅާ މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ހިރިމަރަދޫގެ ކަނބަލުންނަނީ ދުޅަހެޔޮ ބަޔަކަށް ހެދުމާއި ޒުވާނުންގެ މެޗުގައި އޮންނަ ގުޅުން ބަދަހިކުރުމެވެ.
ފުޓްސަލް މުބާރާތުގައި ޖުމްލަ ފަސް ޓީމެއް ވާދަކުރެއެވެ. އެ ޓީމްތަކަކީ އެފްސީ ޓައިޓަންސް، އެމްޑަބްލިޔުއެސްސީ، ލަ މާސިއާ، ކުރިމަގު ސްޕޯޓްސް ކުލަބުގެ އިތުރުން އިންފިނިޓީ އެވެ.
މި މުބާރާތް ރާވާލާފައި ވަނީ ވެސް ކޮންމެ ޓީމަކާއި ކޮންމެ ޓީމެއް ބައްދަލުކޮށް އެންމެދިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލުގައ ބައްދަލުކުރާ ގޮތަށެވެ.
މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ހިރިމަރަދޫގައި މޮޅެތި ފުޓްސަލް ކުޅުންތެރިން އުފެއްދުމާއި އެ ރަށުގެ ޒުވާނުންނަކީ ދުޅަހެޔޮ ބަޔަކަށް ހެދުމުގެ އިތުރުން ރަށުގެ ޒުވާނުންގެ މެދުގައި އޮންނަ ގުޅުން ބަދަހި ކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!