ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ މިހާރުގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ރިޔާސީ ކެމްޕޭން ފެއްޓެވުމަށް މިއަދު ށ. އަތޮޅަށް ދަތުރުފުޅެއް ފައްޓަވައިފިއެވެ.
ރާއްޖޭގެ އެންމެ ބޮޑު ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި އިންތިޚާބުގައި ވާދަކުރައްވާ ރައީސް ކެމްޕޭނަށް ފުރަތަމަ ވަޑައިގަތީ ށ. ކޮމަންޑޫ އަށެވެ.
ރައީސް މިއަދު އެރަށަށް ވަޑައިގަތުމުން އެރަށުން ވަރަށް ހޫނު މަރުޙަބާއެއް ވަނީ ކިޔާފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެ މަނިކުފާނު އެ އަތޮޅުގެ ހަތަރު ރަށަކަށް ވަޑައިގަންނަވާނެއެެވެ. މި ރަށް ރަށުގެ ތެރޭގައި ހިމެނެނީ ކޮމަންޑޫގެ އިތުރުން މަރޮށި، ނޫމަރާ އަދި ފޯކައިދުއެވެ.
ރައީސްގެ އަރިހުގައި އެމަނިކުފާނަށް އައު ދައުރަކަށް ވެރިކަމަށް ވަޑައިގަންނަވަން އެކުލަވާލި އިއްތިހާދުގެ އިސް ލީޑަރުންކަމަށްވާ، އަދާލަތުގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އެމްޑިއޭގެ ލީޑަރު، މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް އަންނަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.
މީގެ އިތުރުން ވެސް ސަރުކާރުގެ އިސް ބައެއް ބޭފުޅުން މިދަތުރުގައި ރައީސް އަރިހުގައި ށ. އަތޮޅަށް ވަޑައިގަތެވެ. އޭގެ ތެރޭގައި ޚާރިޖީ ވަޒީރު އަބްދު ﷲ ޝާހިދާއި، ދިފާއީ ވަޒީރު މާރިޔާ ދީދީގެ އިތުރުން ތައުލީމާބެހޭ ވަޒީރު ޑރ. އައިޝަތު އަލީ ހިމެނިވަޑައިގަންނަވައެވެ.
ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!