ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން އިންތިޒާމު ކޮށްގެން ބާއްވާ އާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރަތް 2019 ފަށައިފިއެވެ. ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި ކުޅެވެމުންދާ މިމުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ރޫހް އަދި ޔޫތު ފްރެންޑްސްއެވެ.
މުބާރާތުގެ ފުރަތަމަ މެޗް ނިމުނީ 1-1 ލަނޑުން މެޗް އެއްވަރު ވެގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރޫހު ޓީމުގެ ޖޯޒީ ނަންބަރު 14 މުޙައްމަދު ޢަލީއެވެ. މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ފުރަތަމަ މެޗް ޝަރަފްވެރި ކޮށްދެއްވީ މުބާރާތުގެ މެއިން ސްޕޮންސަރ، ހެޕީމާކެޓްގެ މެނޭޖަރ އަޙްމަދު ސޮބާހެވެ.
މިމުބާރާތް ކުރިއަށްދާނީ ލީގު އުސޫލުންނެވެ. މިމުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުވާނީ ލީގު އުސޫލުން ކުޅޭ މެޗްތަކުގައި އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ. ފައިނަލަށްދާ ދެވަނަ ޓީމެއް ހޮވާނީ ލީގު އުސޫލުން ކުޅެވުނު މެޗްތަކުން ޕޮއިންޓްގެ ގޮތުން ދެވަނަ އަދި ތިންވަނައަށް ދިޔަ ދެޓީމު ބައްދަލުކޮށްގެން މޮޅުވާ ޓީމެކެވެ.
މިމަހުގެ 28 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަދު ބައްދަލުކުރާނީ ޝީލްޑް އަދި ރިއަލް ސްޓަރސްއެވެ.
މި މުބާރާތަކީ ހަނިމާދޫގެ ފުޓްބޯޅައިގެ އުދަރެހުގައި ފިޔަޖެހި އަލިގަދަ ތަރިއެއްކަމަށްވާ، ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާގެ މެމްބަރު އަލްމަރުޙޫމު އާދަމް ސަލީމުގެ ހަނދާނުގައި ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން ބާއްވަމުން އަންނަ މުބާރާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!