އެލަޔަންސް ފުޓްސެލް ކަޕް 2019ގެ ޗެމްޕިޔަންކަން ވިޔޯރާ ސިޓީ ހޯދައިފިއެވެ.

ވިޔޯރާ ސިޓީ ޗެމްޕިޔަކަން ހޯދައިފައިވަނީ ރޭ ފައިނަލް މެޗްގައި ސްޓަރ ފޯސް އާއި ބައްދަލުކޮށް 10-2 އަކުންނެވެ. މި ފޯރިގަދަ ފައިނަލް މެޗްގެ މޭން އޮފް މެޗަކަށް ހޮވިފައިވަނީ ވިޔޯރާ ސިޓީގެ ހަސަން ސޮލާހެވެ.

Ad
rt


ފައިނަލް މެޗަށްފަހު މުބާރާތުގެ އެކި ވަނަ ތަކަށް ދިޔަ ފަރާތްތަކަށް ހަނދާނީ ލިޔުމާއި ޓްރޮފީ ވަނީ ހަވާލުކޮށްފައެވެ. އެގޮތުން މުބާރާތުގެ ރަނަރަޕް ޓީމަކީ ސްޓާރ ފޯސް އެވެ. މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ޔަންގް ސިޓީއެވެ. މުޅި މުބާރާތުގެ އުއްމީދީ ކުޅުންތެރިޔަކަށް ވިޔޯރާ ސިޓީގެ މުހައްމަދު އިނާޝް ހޮވުނުއިރު، މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔަކަށް ހޮވިފައިވަނީ ވިޔޯރާ ސިޓީގެ އަބްދުﷲ މިސްބާހެވެ.


އޭގެ އިތުރުން ރޭގެ ރަސްމިއްޔާތުގައިވަނީ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން ހޮވާފައެވެ. އެ ގޮތުން މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ވިޔޯރާ ސިޓީގެ އަބްދުﷲ މިސްބާހު އާއި ހުޒައިފަތު ރަޝީދު، އަދި ސޫރިޔާ ސްޕޯޓްސްގެ އަބްދުﷲ މުޢާޛު، ކެޕިޓަލް ސިޓީގެ އަހްމަދު ފައިޒަންގެ އިތުރުން ސްޓަރ ފޯސްގެ އަބްދުﷲ އާރިފްއެވެ.


އެލަޔަންސް ފުޓްސެލް ކަޕް 2019 ނިންމާލުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲއެވެ.


ޑިސެމްބަރ 1 ފެށިގެން ނުވަޔަކާ ހަމައަށް ބާރަށު ފުޓްސެލްދަނޑުގައި ކުރިއަށްދިޔަ މި މުބާރާތުގައި ޖުމްލަ 12 ޓީމަކުން ވާދަކޮށްފައިވެއެވެ. ބާރަށުގައި ފުޓްބޯޅަ ކުރިއަރުވައި، ޒުވާނުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް އެލަޔަންސް ސްޕޯޓްސް ކުލަބުން އިންތިޒާމުކޮށްގެން މި މުބާރާތް ބޭއްވި މީ ދެވަނަ އަހަރެވެ. މި މުބާރާތުގެ މެއިން ސްޕޮންސަރއަކީ އެޓޯލް ޓްރާންސްފަރއެވެ.

އަދި ކޯ ސްޕޮންސަރއަކީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ކަމަށްވާއިރު، މި މުބާރާތުގެ މީޑިއާ ޕާޓްނަރ އަކީ ތިލަދުންނެވެ.