އެންމަސްއެމް ވީ ގެފަރާތުން ހދ ނެއްލައިދޫގައި މަސްވެރިގެން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި އަބުދުއް ޞަމަދުގެ ހަދާނީ މަސްރޭހުގެ ނަތީޖާ ފާޅުކޮށްފިއެވެ.
ޖުމްލަ 8 ޓީމް ބައިވެރިވެ ކުރިއަށް ދިޔަ މި މުބާރާތުގެ ފަހުރުވެރި އެއްވަނަ ލިބިފައިވަނީ 82 ކިލޯގެ މަސްބާނައިގެން ޓީމް ކަޅުއޮއްފުންމިއަށްށެވެ. 77 ކިލޯ ގެ މަސްބާނައިގެން ޓީމް ނަސްރު މުބާރާތުގެ ދެވަނަ ހޯދިއިރު ޓީމް ފިނިހަކަ މުބާރާތުގެ 3 ވަނަ އަށް ގޮސްފައިވަނީ 45.5 ކިލޯ މަސް ބާނައިގެން ނެވެ.
މި މުބާރާތުގެ އެންމެ ފޯރިގަދަ ޓީމްގެ ގޮތުގައި ޓީމް ކަމެއްނުވާ ހޮވިފައިވާއިރު އެންމެ މޮޅު ކެޔޮޅަކަށް ހޮވިފައިވަނީ ޓީމް ކަޅުއޮއްފުންމީގެ އިބްރާހިމް ޔޫސުފެވެ. މުބާރާތުގެ އެންމެ ބަރު މަސް ބޭނި ކަމުގެ ޝަރަފް ލިބިފައިވަނީ 7 ކިލޯގެ މަހެއްބާނައިގެން ޓީމް ނަސްރުގެ އަހުމަދު ޝަރީފްއަށް ށެވެ.
މީގެ އިތުރުން ނެއްލައިދޫ ކައުންސިލުގެ ފަރާތުން މަސްވެރިކަމުގެ ރޮނގުން ހިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރައްވާ ވަނީ އިނާމް ދީފައެވެ.
އެގޮތުން މަސްވެރިކަމުގެ ދާއިރާއިން ޝަރަފްވެރިކަމުގެ އިނާމް ލިބިފައިވަނީ
- އަބްދުލް އަޒީޒް (ހުސްނުހީނާމާގެ)
- މުހައްމަދު ޢިބްރާހިމް (ޝާޒް)
- އަލީ ހުސައިން (ސަނީޑޯލް)
މަސްވެރިކަމުގެ ދާއިރާއިން ހިތްވަރުދިނުމުގެ އިނާމް ލިބިފައިވަނީ
- އަހްމަދު ސަލީމް (އޯކަމް)
- މުހައްމަދު ޔޫސުފް (ކުދިރަތްމާގެ)
- އިބްރާހިމް އަބްދުލް ރަހުމާން (ސްނޯވައިޓް)
މީގެ އިތުރުން ނެއްލައިދޫ ކައުންސިލުގެ ފަރާތުން ނެއްލައިދޫގެ އެންމެ ޒުވާން މަސްވެރިޔާ ހޮވާފައިވާއިރު މި އެވޯޑް ލިބިފައިވަނީ ނެއްލައިދޫގެ ފަޙްރުވެރި މަސްވެރިޔާ އަބްދުއް ޞަމަދު އަލީގެ އެންމެ ހަގު ދަރި ރިޟްވާން ޝާރީފަށެވެ.
މަސްވެރިންގެ ދުވަސް ނެއްލައިދޫގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރިއިރު މި މުބާރާތް އިންތިޒާމް ކުރާ އެންމަސް އެމްވީގެ ފަރާތުން މަސްވެރިކަމުގެ ރޮނގުން 2019 ވަނަ އަހަރު އެންމެ އަގުހުރި މަސައްކަތް ކޮށްދެއްވި ފަރާތްވެސް ވަނީ ހޮވާފައެވެ.
އެގޮތުން މި ފަޙްރުވެރި އެވޯޑް ލިބިފައިވަނީ 2019 ވަނަ އަހަރު ނެއްލައިދޫއަށް ފާނަ މަސްވެރިކަން ތަޢާރަފްކޮށް ފެށުނީންސުރެ ލަނޑާ މަސްވެރިކަމުގައި ފޫހިކަމެއް ވަރުބަލިކަމެއްނެތި ހިދުމަތްކޮށް ރަށުން ލަނޑާ ކިރޭނެ މަގު ތަނަވަސް ކޮށް ދީފައިވާތީ ހދ.ނެއްލައިދޫ ތަނޑިރަތްމާގެ އަލީ ޒިޔާދަށެވެ.
މި ހަރަކާތް ކާމިޔާބުކަމާއި އެކު ނިންމާލާފައިވާއިރު ތާރީހީގޮތުން މިއީ ނެއްލައިދޫއަށް ހާއްސަ ދުވަހެކެވެ. މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ނެއްލައިދޫގައި ވަނީ އިއްޔެ ކުޑަކުދިންގެ ހަވީރެއްވެސް ބާއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!