މި ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން 64،341 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާގޮތުގައި މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ 6.9 އިންސައްތަ އެވެ. މިއާއެކު ރާއްޖެއަށް ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ 5 ވަނައަށް އެ ގައުމު ވަނީ ޖެހިލާފައެވެ.

Ad
rt

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބަށް ބަލާއިރު، މިއަހަރުގެ ޖުލައި 2 ގެ ނިޔަަލަށް ރާއްޖެއައިސްފައިވަނީ 934,317 ފަތުރުވެރިންނެވެ. އެންމެ ގިނަ ފަތުރުވެރިން އިންޑިއާ އިން އައިސްފައިވާއިރު، ދެވަނައިގާ އޮތީ ރަޝިއާ އެވެ. އެ ދެ ގައުމުން ވެސް ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސް ހިސާބުން ދައްކައެވެ.

ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އިނގިރޭސި ވިލާތުން އައިސްފައިވާއިރު، އެގައުމުން މިހާތަނަށް 80,497 ފަތުރުވެރިން އައިސްފައިވެއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ސިންގަޕޯ އެއާލައިންގެ ގުޅިގެން މިދިޔަ މަހު ޗައިނާ އަށް ދަތުރެއްކޮށް، ރާއްޖޭގެ ފަތުރުވެރިކަން ވަނީ އިތުރަށް އިޝްތިހާރުކޮށްފައެވެ.

މި ދަތުރުގައި ރާއްޖެއަކީ ޗައިނާގެ ދަތުރުވެރިންނަށް ރައްކާތެރި، ޝައުގުވެރި މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައި ވެއެވެ.

ރާއްޖެއަށް މިއަހަރު 1.9 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.