ގުޅީފަޅު ދެވަނަ ފިޔަވަހި ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިއެވެ.

މިއަދު ހަވީރު ގުޅިފަޅުގައި މިކަމަށް އޮތް ރަސްމިއްޔާތުގައި މި މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހެވެ.

Ad
rt

ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫޢަކީ، ބޮސްކާލިސް ވެސްޓްމިންސްޓަރ ކޮންޓްރެކްޓިންގ ލިމިޓެޑާ ހަވާލުކުރައްވައިގެން ސަރުކާރުން ކުރިޔަށް ގެންދަވާ މަޝްރޫޢުއެކެވެ.

މިމަޝްރޫޢުގެ ދަށުން ޖުމުލަ 150 ހެކްޓަރުގެ ބިން ހިއްކާނެއެވެ. މިބިމުގެ ތެރޭގައި ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން ގޯތި ދޫކުރާ ބިމާއި، މާލޭ ވިޔަފާރި ބަނދަރު، ގުޅިފަޅަށް ބަދަލުކުރުމަށް ބޭނުންވާ ބިން ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ވާހަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވަނީ އެ މަޝްރޫޢު އަކީ މާލެ ސަރަޙައްދުގެ ތަރައްޤީއަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ މަޝްރޫޢެއް ކަމަށް ވިދާޅުވެފައެވެ. އަދި މި މަޝްރޫޢާ ގުޅިފައިވާ އެންމެ މުހިންމު ކަމަކީ، މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމަށް ހެޔޮ ބަދަލުތަކެއް ގެނައުންކަމުގައި ވިދާޅުވިއެވެ.

ގުޅީފަޅު ދެވަނަ ފިޔަވަހި ހިއްކާ ސަރަޙައްދު ވަށައިގެން ބޮޑުހިލައިގެ ރިވެޓްމަންޓްޖެހުމާއެކު އެ ތަން ހިއްކުމަށް 18 މިލިއަން ކިއުބިކް މީޓަރުގެ ވެލި ފަޅަށް އަޅާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.