"ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓުގައި އަވަށްޓެރި އިންޑިއާ މީހެއްގެ ނަން އޮތީ ޑިޕާޓްމެންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) ގެ މައްސަލައަކުން ކަމަށް ގެދޮރުވެރިޔާ ކޮމެޓީގެ ޗެއާ އަދި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އެ ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް ސަރުކާރުން އާންމު ކުރައްވާފައިވައި، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރައްވާފައިވަނީ ޖޫން 26 ވަނަ ދުވަހުއެވެ.

Ad
rt

މި ލިސްޓުގައި މއ. މަލިކުވިއު، ހަބީބު ރަހިމާން މުހައްމަދު ހަނީފާ، ނަމަކަށް ކިޔާ މީހަކު އޮތުމުން ގިނަ ބަޔަކު އެކަމާއި ނުރުހުން ފާޅުކުރަމުންދާތީ، އަކްރަމް ވިދާޅުވީ އޭނާގެ ނަން އޮތީ ޑީއެންއާރުގެ މައްސަލައަކުން ކަމަށާއި، އަންނަ މަހު ނެރޭ ދާއިމީ ލިސްޓުން އޭނާގެ ނަން އުނިކުރާނެ ކަމަށެވެ.

ހަބީބަކީ މީގެ ހަތަރު އަހަރު ކުރިން ރާއްޖޭގެ ރަށްވެހިކަން ހޯދާފައިވާ އިންޑިއާގެ މީހެކެވެ.

ޕްލޭނިން މިނިސްޓްރީން އާންމުކުރި ވަގުތީ ލިސްޓުގައިވާ ގޮތުގައި އޭނާ ހިމެނިފައިވަނީ އެކަނި ފޯމު ލައިގެން 62.25 މާކްސް ލިބިގެންނެވެ. އަދި އޭނާ އަކީ ޝަރުތު ހަމަވާ މީހެއް ނަމަވެސް، ގޯތި ލިބުމުގެ ފުރުސަތު އޮތީ ޖޮއިންޓްވެގެންނެވެ.

ދިވެއްސަކާއި ކައިވެނިކޮށްގެން މާލޭގައި އުޅޭ އެމީހާ ރާއްޖޭގެ ރަށްވެހިކަން ހޯދާފައިވަނީ 2019 އެވެ. އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަކާއި ޕާސްޕޯޓެއް ވެސް އޭނާ އަތުގައި އޮންނަކަމަށް ވަނީ އެނގިފައެވެ.

މީގެ އިތުރުން އޭނާ އަކީ މާލޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ މީހެއް ކަމަށް ވެސް ވަނީ އެނގިފައެވެ.