މާލެ ސިޓީ ކައުންސިލްގެ ސްމާޓް ސްޓްރީޓް ލައިޓުތަކުން ތަކުބީރު އިއްވަން ފަށައިފިއެވެ.

އެ ކައުންސިލުން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މިއަދު މެންދުރުފަހުން ފެށިގެން މާލެ ސިޓީ ކައުންސިލްގެ ސްމާޓް ސްޓްރީޓް ލައިޓުތަކުން ތަކުބީރު އިއްވަން ފަށާފައިވާ ކަމަށެވެ.

Ad
rt

ސްމާޓް ސްޓްރީޓް ލައިޓުތަކުން ތަކުބީރު އިއްވުމަށް ނިންމާފައިވަނީ މިއަދު ހަވީރު 4:15 ން އިރުއޮއްސި 6 އަށް އަދި ރޭގަނޑު 8:15 ން 10 ޖަހަންދެނެވެ. މާދަމާ ހެނދުނު 6 ން 7:25 އަށް އަދި 8:15 ން 11:30 އަށް ވެސް ތަކްބީރު އިއްވާނެއެވެ. އަދި ހަވީރު 4:30 ން އިރުއޮއްސި 6 ޖަހަންދެންނާއި ރޭގަނޑު 8:15 ން 10 ޖަހަންދެން ވެސް ތަކްބީރު އިއްވާނެއެވެ.

މީގެ އިތުރުން ޖޫން 29 ވަނަ ދުވަހު މެންދުރުފަހު 1 ން 3 ޖަހަންދެން އަދި ރޭގަނޑު 8:15 ން 10 ޖަހަންދެން ވެސް ސްމާޓް ސްޓްރީޓް ލައިޓުތަކުން ތަކުބީރު އިއްވާނެއެވެ.

މިއަހަރުގެ އަޟުހާ އީދަށް މާލޭ ސިޓީ ކައުންސިލުން ވަނީ ގިޑިގެ ތަކާއި ކުލަބޮކިތަކުން މާލެ އާއި ވިލިމާލެ ޒީނަތްތެރި ވެސް ކޮށްފައެވެ.

ޖުމްހޫރީ މައިދާނުގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ހަފްލާއެއްގައި މި ގިޑިގެތަކާއި ކުލަބޮކިތައް ދިއްލާލެއްވީ މާލެސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުއިއްޒުއެވެ.

މުއިއްޒު ވިދާޅުވީ ރާއްޖެއަކީ 100 ޕަސެންޓު މުސްލިމް ޤައުމަކަށްވާއިރު އަދި މާލެއަކީ ވެރިކަން ކުރާ ރަށަށް ވާއިރު، ޢިދު ފަދަ މުސްލިމުން ފާހަގަ ކުރާ މުނާސަބަތުތައް ވަރަށް ރަސްމީކޮށް ފާހަގަކުރަން ޖެހޭ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

މުސްލިމުންނަށް އަންނަ އެންމެ ހާއްސަ ދެ މުނާސަބަތަކީ އަޟްޙާ ޢީދާއި ފިތުރު ޢީދު ކަމަށްވީނަމަވެސް އެހެން މުހިންމު ދުވަސްތައް ކުލަބޮކިން ޒީނަތްތެރި ކުރާއިރު، އިސްލާމުންނަށް އެންމެ މުހިންމު މުނާސަބަތުތައް މިފަދައިން މީގެ ކުރިން ޒީނަތްތެރި ކުރެވިފައިނުވާކަން މޭޔަރު ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން އެންމެ އިސްކަން ދޭންޖެހޭނީ ދެ އީދު އެންމެ ކުލަގަދަކޮށް ފާހަގަކުރުން ކަމަށް ހުރިހާ ރައްޔިތުން ވެސް ޤަބޫލުކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އެހެންކަމުން މާލެސިޓީ ކައުންސިލުން އަޟްހާ އީދަށް މަރްޙަބާ ކިޔުމަށް ޒަމާނީ ވިސްނުމެއްގައި ދުނިޔޭގެ ބައެއް އިސްލާމީ ޤައުމުތަކުގައި މިފަދަ އިސްލާމީ ޝިޢާރުތައް ފާހަގަކުރާގޮތަށް މާލެ ސިޓީ ކައުންސިލުން ވެސް ރަސްމީ ޖަލްސާގައި މަޝްވަރާކޮށް މިގޮތަށް މާލެސިޓީ ޒީނަތްތެރިކުރުމަށް ނިންމީ." މޭޔަރު ވިދާޅުވިއެވެ.

އަޟްހާ އީދުގެ ހާއްސަ އެއްކަމަކީ އުޟްހިޔާ ކަތިލުން ކަމުގައިވާތީ، މާލެ ސިޓީ ކައުންސިލުން ޢީދު ދުވަހު، ޢީދު ނަމާދަށްފަހު އުޟްހިޔާ ކަތިލުން އޮންނާނެ ކަމަށާއި، ރައްޔިތުންނަށް އުޟްހިޔާ ހަދިޔާ ކުރާނެކަން ވެސް މޭޔަރު ވަނީ އިޢުލާނު ކުރައްވާފައެވެ.

އަޟްހާ އީދަށް މާލޭގެ ބޮޑުތަކުރުފާނު މަގާއި، މަޖީދީމަގު އަދި ސޯސަންމަގުގެ އިތުރުން ވިލިމާލެ ހިމެނޭހެން ބައެއް ބޮޑެތި މަގުތައް ޒީނަތްތެރި ކުރުމުގެގޮތުން މާލެ އާއި ވިލިމާލޭގައި ޖުމްލަ 22 ގިޑިގެ އާއެކު 2224 ބޮކި މާލެ ސިޓީ ކައުންސިލުން ވަނީ ހަރުކޮށްފައެވެ.

ބައެއް ބޮޑެތި މަގުތައް ޒީނަތްތެރި ކުރުމުގެ ގޮތުން މާލެސިޓީ ކައުންސިލުން ވަނީ "ޢީދު މުބާރަކް" ގިޑިގެތަކާއި ޑިޒައިންތަކަށް ހަދާފައިވާ ގިޑިގެތަކުގައި ބޮކިފަތި ހަރުކޮށްފައެވެ.