ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަކިވެވަޑައިގެންފިއެވެ.

އެޕާޓީން ވަކިވެވަޑައިގަތުމަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ މި ވަގުތު ރާއްޖޭގައި ކަންކަން ހިންގަމުންދާ ގޮތަށް ބަލައި، އެމްޑީޕީގައި ހުންނެވުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކެވަޑައި ނުގަންނަވާތީ ޕާޓީން ވަކިވާ ކަމަށެވެ.

Ad
rt

އެޕާޓީގެ ރައީސްގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ނަޝީދު ވަނީ 20 އަހަރު އެމްޑީޕީއަށް ހިދުމަތްކޮށްދެއްވާފައެވެ. އެމްޑީޕީ ތަމްސީލު ކުރައްވައި ލީޑަރެއްގެ ގޮތުން ގިނަބައެއްގެ މަގްބޫލުކަން ވެސް ހޯއްދަވާފައިރު، މަލްޓި ޕާޓީ ސިސްޓަމް ރާއްޖޭގައި އުފެދުމަށްފަހު، އުފެދުނު ފުރަތަމަ އެމްޑީޕީ ސަރުކާރުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ ރައީސް ކަން ވެސް ކުރައްވާފައެވެ.

ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވިއިރު، އެމަނިކުފާނު އިސް ވެ ހުންނަވާ 'ދަ ޑިމޮކްރެޓްސް' ގެ ނަމުގައި ގެންދަވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ރައީސް ނަޝީދު އޭރު ވިދާޅުވެފައި ވަނީ އެމްޑީޕީގައި ހުންނެވުމަކީ އުނދަގޫ ކަމެއް ކަމަށާއި އެ ޕާޓީގައި މަޑުކުރައްވައިގެން ހުންނެވީ އެމްޑީޕީން ޑިމޮކްރެޓްސްއަށް ބައެއް މެންބަރުން ގެންދިއުމުގެ މަގްސަދުގައި ކަމަށެވެ. ހަމައެއާއެކު ސިޔާސީ ޕާޓީއެއް ހެދުމަށް ސަރޔުކާރުން ހުރަސް އަޅާ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު ވެސް މިއަދު ވަނީ އެމްޑީޕީ އިން ވަކިވެވަޑައިގެންފައެވެ.