އަންނަ އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގެ ގްރޫޕް އޭގައި ރޭ ނޯވޭއާއި ސައިޕްރަސް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ނޯވޭއިން ކާމިޔާބު ކޮށްފިއެވެ. މި މެޗުގައި ނޯވޭއިން ސައިޕްރަސްގެ މައްޗަށް ކުރި ހޯދީ 3-1 ގެ ނަތީޖާއިންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް ނޯވޭއިންނެވެ. ފުރަތަމަ ލަނޑު 12 ވަނަ މިނެޓުގައި ސޯލޮތު ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ އޮލާ ސޮލްބަކެންއެވެ.

Ad
rt

މެޗުގެ ދެވަނަ ހާފުގައި ހާލަންޑް ވަނީ އިތުރު ދެ ލަނޑު ޖަހައިދީ ނޯވޭއަށް ލީޑު ފުޅާކޮށްދީފައެވެ. ނޯވޭގެ ދެވަނަ ލަނޑު 56 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ހާލަންޑް ކާމިޔާބު ކޮށްދިންއިރު، ތިންވަނަ ލަނޑު 60 ވަނަ މިނެޓުގައި ހާލަންޑް ޖަހާފައި ވަނީ އޮޑެގާޑްގެ އެހީތެރިކަމާއި އެކުގައެވެ. މި ކޮލިފައިނަ ބުރުގައި މިހާތަނަށް ނޯވޭއިން ޖުމްލަ ފަސް ލަނޑު ޖަހާފައިވާއިރު އޭގެތެރެއިން ތިންލަނޑު ޖަހާފައި ވަނީ ހާލަންޑެވެ

ހާލަންޑް ވަނީ ފާއިތުވި ސީޒަންގައި ހުރިހާ މުބާރާތެއް ހިމެނޭހެން މެންޗެސްޓާ ސިޓީއަށް 52 ލަނޑު ޖަހައިދީފައެވެ. އޭނާ ވަނީ ސިޓީއާއިއެކު ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގުގެ އިތުރުން އެފްއޭ ކަޕް ވެސް ކާމިޔާބު ކޮށްފައެވެ.

މެޗުގައި ސައިޕްރަސް އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭ ކާމިޔާބު ކޮށްދިނީ ކަސްޓަނޮސްއެވެ.

މިވަގުތު ނޯވޭ އޮތީ ގްރޫޕް އޭގެ ތިންވަނާގައެވެ. އެ ޓީމަށް ހަތަރު މެޗުން ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. މި ގްރޫޕްގެ އެއްވަނާގައި ހަތަރު މެޗުން ހޯދި 12 ޕޮއިންޓާއިއެކު އޮތީ ސްކޮޓްލެންޑެވެ.