މަންމަގެ ހަނދާނުގައި ތުއްތު ޝާޔަންގެ އިޙްސާސްތައް ބަންޑުންކޮށްލައިފި!

IMG_7495

 • ޝާޔަންގެ ހުރިހާވެސް ހިތްވަރަކީ އާއިލާ
 • މަންމަނެތްކަމުގެ އިޙްސާސް ވިޔަ ނުދިނުމަށްޓަކައި އާއިލާގެ އެންމެންވެސް ލޯބިދޭ!

"މަގޭ ލޯބި މަންޒިލް.. މަގޭ ހިތުގެ ނޫރާ.. މަގޭ މަންމައަށް މިހިތުން ކުރާ މިއީ ދުޢާއޭ..

މަގޭ މަންމަ ހީލީމާ، އެލިބޭ އަރާމާ.. އެމަންޒަރު ހަނދާންވާތީ ކުރާ މިއީ ދުޢާއޭ.."

މިއީ އިންޓަރ ސްކޫލް ލަވަ މުބާރާތް 2023 ގައި ގދ. އަތޮޅު މަދަރުސާގެ ދަރިވަރު ޝާޔަން ބިންތި އަޙްމަދު ހުށައަޅައިދިން ލަވައިގެ ފެށުމެވެ. ލަވައެއްގެ ސިފައިގައި އެ ތުއްތު ކުއްޖާ ހުށަހަޅައިދީފައި އެވަނީ އެހިތުގެ އާދޭހެވެ. އުދާސްތަކެވެ. އަދި އެ ކުޑަކުޑަ ހިތުގައި މަންމައަށްޓަކައި އުފެދެމުންދާ ޖަޒްބާތުތަކެވެ. ނަމަވެސް ހިތާމައަކީ ޝާޔަންގެ އުމުރުން އެންމެ 8 އަހަރު، އެ މައުޞޫމް ކުއްޖާވަނީ މަންމަގެ ލޯބިން މަޙްރޫމްވެފައިކަމެވެ. މީގެ ފަސްއަހަރު ކުރިން ގދ ގައްދޫގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ޝާޔަންގެ މަންމަވަނީ ނިޔާވެފައެވެ. އެފަަދަ ވޭނީ ގޮތަކަށް މަންމަގެ ވަކިވުން މިއަދުވެސް ޝާޔަންގެ ހިތުގައި ކަޅު ލައްގަނޑެއްފަދައިން ހަރުލައިފައިވާ ކަހަލައެވެ.

ތާއަބަދަށް މަންމަ ވަކިވެފައިވީ ހިނދު، މަންމަގެ ހަނދާނުގައި، ލިޔެ ތައްޔާރުކޮށްފައިވާ ލަވަ، އަމިއްލައަށް ކިޔާލެވޭނީ ހާދަ ހިތްވަރު ހުރެގެންނޭ ހިތަށް އެރިއެވެ. އެޅެމުގެ ކޮންމެ ބައިތަކުންވެސް ހިތްތައް ރޮއްވާލާނެކަން ޔަޤީނެވެ. ލޯތައް ކަރުނައިން ފުރޭނެކަން ކަށަވަރެވެ. ޝާޔަން ހުށަހަޅައިދިނީ އޭނާގެ ހިތުގެ ޝުޢޫރުތަކެވެ. ޖަޒްބާތުތަކެވެ. އިޙްސާސްތަކެވެ. ޝާޔަންގެ ހިތުގައި މަންމަނެތްކަމުގެ ހިތްދަތިކަން ވާހިނދު، އެލަވަ ހުށަހަޅައިދިނުމުގެ ހިތްވަރު މި މައުސޫމް ކުއްޖާ ނެރުނީ ކިހިނެއްބާއޭ ހިތަށް އަރައެވެ. ވަރަށް ވެސް ސާފެވެ. ޝާޔަންގެ ހިތްވަރަކީ އޭނާގެ ދައްތަ އާއި މާމައެވެ. މަންމަ ނިޔާވިއިރު ޝާޔަންގެ ކޮއްކޮ ޝައިމްގެ ޢުމުރުން އެންމެ 6 އަހަރެވެ.

ޝާޔަން އާއި ކޮއްކޮ ޝައިމް

އެންމެ ތުއްތު އިރުއްސުރެ ޝާޔަންގެ ހުރިހާ ކަމެއްވެސް އެންމެ ގާތުން ބަލަހައްޓަމުން އަންނަނީ، ޝާޔަންގެ މަންމަގެ އެއްބަނޑު އެއްބަފާ ކޮއްކޮ، މަރީ 29، އާއި މާމަ ނަފީސާ 64 އެވެ.

މަންމަ ވަކިވުމުގެ ކުރިންވެސް، ޝާޔަން، މައެއްގެ ގޮތުގައި ދެކުނީ ދައްތަ، މަރީއެވެ. އޭރުއްސުރެ، މިއަދާ ޖެހެންދެން ޝާޔަންއަށް އެންމެ ފުރިހަމަގޮތުގައި މައެއްގެ ލޯބި ދެމުންދިޔައީވެސް މަރީ އާއި މާމަ، ނަފީސާ އެވެ.

އަމިއްލަ ދަރިފުޅު މިދުނިޔޭގައި ނެތް ޙާލު، އެދަރިފުޅުގެ ޙައްޤުގައި، ނަފީސާގެ މުޅި ދިރިއުޅުން ޤުރުބާން ކުރަމުންދަނީ ޝާޔަންއާއި ޝައިމްއަށްޓަކައެވެ. އެކުދިންގެ ބޭނުންތައް ފުއްދައިދީ، އެކުދިންނަށް ދޭންޖެހޭ ވަގުތު ދިނުމުގައި މާމައެއްގެ ޙައިޞިއްޔަތުން ނަފީސާ މަސައްކަތްކުރަނީ ނުހަނު ބުރަކޮށެވެ. ޢުމުރުން ދުވަސްވެފައިވީ ނަމަވެސް ނަފީސާ އެދެކުދިންގެ އެއްވެސް ކަމެއްގައި ފަރުވާކުޑަކޮށްފައެއް ނުވެއެވެ. މަރީ ބުނިގޮތުގައި އޭނާގެ މަންމަ، ޝާޔަންމެންނަށްޓަކައި އެއުފުލާ ބުރަ، އަގުކޮށެއް ނުދެވޭނެއެވެ. އެއުމުރުގައި މަންމަގެ ހުރިހާ ވަގުތެއް ހުސްކޮށްފައިވަނީ ހަމަ އެކުދިންނަށެވެ. އަދި އެކަމުގައި އެންމެ ބޮޑު ޝުކުރެއްވެސް ޙައްޤުވަނީ ހަމަ މަންމައަށްކަމުގައި މަރީ ބުންޏެވެ.

ޝާޔަން އާއި ކޮއްކޮ ޝައިމް، މާމަ ނަފީސާއާއެކު

އެއާއިލާގެ އެންމެންވެސް ޝާޔަންއާއި ޝައިމްދެކެ އިންތިހާއަށް ލޯބިވެއެވެ. އެކުދިންނަށް އެއާއިލާއިން މާލީގޮތުންވެސް އެހީތެރިކަން ފޯރުކޮށްދެއެވެ. މިއަދު  މައިންބަފައިންގެ ލޯބިން މަޙްރޫމްވެފައިވާ ޝާޔަންއާއި ޝައިމްއަށް އާއިލާގެ ހުރިހާ އެންމެންގެ ލޯބި ލިބެއެވެ. އެންމެންވެސް އެކުދިން ގެންގުޅެނީ ވަރަށް ގާތްކޮށް، ވަރަށް ލޯބިންކަމުގައި މަރީ ފާހަގަ ކުރިއެވެ.

"މަންމަނެތްކަމުގެ އިޙްސާސް ވިޔަކަ ނުދެން. ޝާޔަންއަށް ބޭނުންވާ ކޮންމެ ކަމެއް ކޮށްދެން..އެކަމަކު މިހާރު ބޮޑުވަމުން އަންނަ ވަރަކަށް މަންމައަށްޓަކައި ޝާޔަންގެ ހިތުގައި ޖަޒްބާތުތަކެއް އުފެދެމުންދާކަން އެނގޭ! ޝާޔަން މިހާރަކަށް އައިސް ދައްކާ ވާހަކަތަކުން އެކަން އިޙްސާސް ކުރެވޭ!

" މަރީ ބުންޏެވެ.

ޝާޔަން ހުށައަޅައިދިން ލަވަ، ލަވަ: ޔެސްޓީވީ

ޝާޔަންފަދަ ތުއްތު ކުއްޖަކަށް މައެއްގެ ލޯބި ނުހަނު ބޭނުންވާނެކަން މަރީއަށް އެނގެއެވެ. ޝާޔަންގެ ޖަޒްބާތުތައްވެސް އޭނާއަށް އިޙްސާސްކުރެވޭ ޙާލު، ޅެމުގައި ހިމަނާލަން ބޭނުންވާ ބައެއް ނުކުތާތައް ނޯޓްކޮށްގެން މަރީ ދިޔައީ ރަށުގައި އުޅޭ ޅެންހަދާ ކުއްޖެއްގެ ގާތަށެވެ. އަދި މަރީ ބޭނުންވާގޮތަށް ޝާޔަންގެ އިޙްސާސްތައް ޅެން ބަހުރުވައިން ލިޔެ، ލަވައެއްގެ ސިފައިގައި ޝާޔަންގެ ރީތި އަޑުން ދޫކޮށްލީއެވެ.

"އެލަވަ އަޑުއަހަން ވަރަށް އުނދަގޫ! އަޑުއަހާލާ ކޮންމެ ފަހަރަކު ހިތް ފަޅައިގެންދޭ! އެކަމަކު ޝާޔަންގެ ހިތުގެ ހުރިހާ އުދާސްތަކެއް ބޭރުކޮށްލީތީ ހިތަށް ވަރަށް ބޮޑު ތަސައްލީއެއް ލިބިއްޖެ! " މިއަދު ޝާޔަންގެ މަންމަގެ މަޤާމުގައި ހުރި މަރީ، އިތުރުކޮށްލިއެވެ. މި ފުރުޞަތުގައި އެލަވައިގެ ޝާއިރުން ކަމުގައިވާ ޢަބްދުލް ބާސިތު މުޙައްމަދާއި މުޙައްމަދު ޝާމިޚްއަށް މަރީ  ޝުކުރު އަދާކުރިއެވެ.

ޤުރުއާން މުބާރާތަކުން ފަޚުރުވެރި ވަނައެއް ހޯދުމަށްފަހު، ޝާޔަން، މަރީ އާއެއެކު

ޝާޔަންއަކީ ތަޢުލީމީގޮތުންވެސް ފާހަގަކޮށްލެވޭ ދަރިވަރެކެވެ. ޚާއްސަކޮށް ކީރިތި ޤުރުއާން ކިޔަވަން ވަރަށް ޝައުޤުވެރިކަން ހުރެއެވެ. އަދި އޭނާއަކީ ވަރަށް ރީތިކޮށް ޤުރުއާން ކިޔަވާ، އެކި މުބާރާތްތަކުން ވަނަތައް ޚާޞިލްކޮށްފައިވާ ކުއްޖެކެވެ. އޭގެ އިތުރުން މަދަހަ މުބާރާތްތަކުންވެސް ޝާޔަންވަނީ ރަނގަޅު ކާމިޔާބީތައް ޙާޞިލްކޮށްފައެވެ.

އެއާއިލާއިން އަބަދުވެސް މަސައްކަތްކުރަނީ ޝާޔަންއަކީ މޮޅު ކުއްޖަކަށް ހެދުމަށެވެ. ރިވެތި އަޙްލާޤް ދަސްކޮށްދީ، ރަނގަޅު މަގުން އެކުދިން ގެންގޮސްދިނުމަށްޓަކައި ޚުދު މަރީވެސްވަނީ އެތައް ޤުރުބާނީއެއް ވެފައެވެ. އެކުދިންގެ ޙައްޤުގައި، އެކުދިންގެ އުފަލަށްޓަކައި އަމިއްލަ ދިރިއުޅުމުގައިވެސް އެކުދިން އިސްކުރެއެވެ. މިފަދަ ހުރިހާ ކަމެއްގައިވެސް މަރީއަށް އެންމެ އެއްބާރުލުންދެނީ ފިރިމީހާ (ޙުސައިން ޝާޒް) އެވެ.

"އަޅުގަނޑުގެ ފިރިމީހާގެ އެހީތެރިކަން ނިހާޔަތަށް ލިބޭ! ދައްތަގެދެކުދިންނާ އަޅުގަނޑުމެންގެ ދަރިފުޅު އެއްވެސް ތަފާތެއް ނުކުރާނެ! އެކުދިން އެއްވެސް ޙާލެއްގައި ބާކީއެއްވެސް ނުކުރާނެ! އަޅުގަނޑަށް މިކަން މި ކުރެވެނީވެސް ފިރިމީހާގެ ރަނގަޅުކަމުން"

ޝާޔަން

މަރީ  ފާހަގަ ކުރި ގޮތުގައި ޝާޒްއަކީ ޝާޔަންމެންނަށް މި ދުނިޔެއިން ލިބުނު ރަޙްމަތެކެވެ. މާލީގޮތުންނާއި އެހެނިހެން ގޮތްގޮތުން އޭނާއަށް އެކުދިންނަށް އެހީތެރިވެވެނީ ފިރިމީހާގެ ހިތްތިރިކަމުންނާއި އޯގާތެރިކަމުންނެވެ. އަމިއްލަ ދަރިން ފަދައިން ޝާޔަންމެންނަށްވެސް ޝާޒް ޚިދުމަތް ކޮށްދެނީ ކުލުނުން ފުރިގެންވާ ހިތަކައިގެންނެވެ. އެފަދަ ހުރިހާ ކަމެއްވެސް މަރީ ބަލައިގަންނަނީ އުފަލާއިއެކު، ޝުކުރުން ހިތް ފުރިގެންދާ ޙާލުގައެވެ.

އެއާއިލާގެ އުއްމީދަކީ ޝާޔަންގެ ދެބެންނަށް ފާގަތި މުސްތަޤްބަލެއް މިންވަރު ކުރެއްވުމެވެ. އަދި އެކުދިންނަކީ ރަނގަޅު ތަރުބިއްޔަތަކުން ޖަރީވެފައިވާ ހެޔޮލަފާ ކުދިންތަކަކަށްވުމީ އަބަދުގެވެސް ދުޢާ ކަމުގައި މަރީ ބުންޏެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

 1. ވަރަށް ރީތި ލަވަ ކިޔުން ،އިރާދަކުރެއްވިޔާ ހަމަތީ 1ވަނަ ކުޑަކުއްޖެއް

  23
 2. Varah furihama hshaelhumeh hama efadha hiyvaru huridhariyeh maama ai dhahtha ah saabas dhen edhareege mam ge
  jannathul firudhaus minvar kurahvaashi. Aameen furaanaya

  19
 3. ކުދިންގެ ބައްޕަ ކޮބައިތޯ އުފެދުނު ސުވާލުތަކަށް ލިޔުން ނިމުނު އިރުވެސް ޖަވާބެއް ނުލިބުނު

  29
  0
 4. ހަމަ ހިތައްއެރީ ނިމުނު އިރުވެސް ބައްޕަ ކޮބައިތޯ މި ދެކުދިންގެ. ހިތައްއެރި މަންމަ މަރުވިއިރު ބައްޕަވެސް މަރުވީ ކަންނޭނގެއޭ. އަސްލު މިދެކުދިންނާއި ގުޅޭ ހުރިހާ މައުލޫމާތެއް ތަފްސީލުކޮއް ގެނެސްދީފަ ހުރިއިރު، ބައްޕަގެ ކޮބައިތޯ ހިތައްއަރާ..

  1. Kudhinge bappa dhuniyeygai hureme evves alhaalumeh nulibey kamah parents buni.. ehenveema liyumugai liyefaivaanee bappayaa mamma ge loabin ves mahuroom vefai vaa dhekudhin kamuga..
   Thank u

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *