ށ. ފޯކައިދޫގައި ބެޑްމިންޓަން ކޯޓުގައި މެޓް އަޅާ އަޕްގްރޭޑް ކޮށްފިއެވެ.

މިއީ އިންޑިއާ ސަރުކާރުގެ އެހީގައި އެރަށުގައި ގާއިމުކޮށްފައިވާ ކޮމިއުނިޓީ ސެންޓަރުގައި އެރަަށު ކައުންސިލުން ތަރައްގީކުރި ބެޑްމިންޓަން ކޯޓެކެވެ.

Ad
rt

ފޯކައިދޫ ކައުންސިލުގެ ރައީސް އަހްމަދު އާސިފް 'ތިލަދުން' އަށް ވިދާޅުވީ ބެޑްމިންޓަން ކޯޓު އަޕްގްރޭޑް ކުރުމަށް ގާތްގަޑަކަށް 2 ލައްކައަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެފައިވާނެ ކަމަށެވެ. އަދި މިފަދަ ކަމެއް ކުރުމުގެ މަގުސަދަކީ އެރަށާއި އަތޮޅުގައި މި ކުޅިވަރު ކުރިއަރުވައި، ހުނަރުވެރި ކުޅުންތެރިން އުފެއްދުން ކަމަށެވެ.

އޭނާ ވިދާޅުވީ ކޯޓު އަޕްގްރޭޑް ކުރުމަށްފަހު، ބެޑްމިންޓަން ބޭސިކް ޕްރޮގްރާމެއް ވެސް ހިންގާފައިވާ ކަމަށާއި އެ ޕްރޮގްރާމުގައި 40 މީހުން ތަމްރީނުކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 40 އިންސައްތައަކީ ކަނބަލުން ކަމަށެވެ.

" އަޅުގަނޑުމެން ޓްރެއިނިން ޕްރޮގާމަށް ހުޅުވާލުމުން 40 މީހުން ބައިވެރިވި. އޭގެތެރެއިން 40 އިންސައްތައަކީ އަންހެނުން. ތިން ދަންފަޅިއަކަށް ބަހާލައިގެން ތަމްރީނުތައް ކުރިއަށް ގެންދިޔައީ. އޭގެތެރެއިން އެއްދަންފަޅި ހާއްސަކުރީ އަންހެނުންނަށް." އާސިފް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެރަށު ކައުންސިލާއި އެރަށު ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ކިޔަވައިދެއްވީ އެދާއިރާގެ ތަމްރީނު ލިބިފައިވާ ފަރާތްތައް ކަމަށެވެ.

އުއްމީދަކީ މި ޕްރޮގްރާމު އަދިވެސް އިތުރަށް ކުރިއަށް ގެންގޮސް ގައުމީ ފެންވަރުގެ ބެޑްމިންޓަން ކުޅުންތެރިން ފޯކައިދޫ ކޯޓުން ވެސް އުފެދުންކަން ހާމަކުރައްވައި އާސިފް ވިދާޅުވީ އެކަން ހާސިލުކުރުމަށްޓަކައި ސްކޫލު ކުދިންނަށް ވެސް ޓްރެއިނިންގ ޕްރޮގްރާމުތައް ހިންގުމަށް ރާވާފައިވާ ކަމަށެވެ.

އެގޮތުން އެރަށު ސްކޫލިުގެ މަލްޓި ފާފަސް ހޯލު ނިމުމުން އެ މަސައްކަތް ފަށާނެކަމަށް އޭނާ ވިދާޅުވިއެވެ. އާސިފް ވިދާޅުވީ ސްކޫލުގެ މަލްޓި ޕާޕަސް ހޯލުން ބެޑްމިންޓަން 3 ކޯޓު ނެގޭނެ ކަމަށާއި އެހެންކަމުން ސްކޫލުގެ އިސްފަރާތްތަކާ މިހާރުވެސް ވާހަކަ ދައްކަމުން އަންނަކަމަށެވެ.

މި ކުޅިވަރު ޒުވާނުންގެ މެދުގައި މަގުބޫލު ކުޅިވަރަކަށް ހެދުމަށް ރަށު ފެންވަރުގައި މުބާރާތްތަކެއް ބޭއްވުމުގެ ވިސްނުން ހުރިކަމަށާއި އެގޮތުން އޮފީސްތަކަށާއި އާންމުންނަށް ހުޅުވާލައިގެން މުބާރާތްތައް ބޭއްވުމަށް ވާހަކަދެކެވެމުން އަންނަކަމަށް ވެސް އާސިފް ވިދާޅުވިއެވެ.