ދިވެހިންނަށް އެމެރިކާ އިން މަތީ ތައުލީމުގެ ފުރުސަތުތައް އިތުރުކޮށްދިނުމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އެދިވަޑައިގެންފިއެވެ.

އެމަނިކުފާނި މިފަދައިން އެދިވަޑައިގެންނެވީ ރާއްޖެއާއި އެމެރިކާއާ ދެމެދުގައި ރެސިޑެންޓް އެމްބަސީތައް ގާއިމް ކުރުމަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެންއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

މި ބައްދަލުކުރެއްވުމުގައި އެގައުމަށް ދަތުރުކުރާ ދިވެހިންނަށް ވިސާ މައާފުކޮށް ދިނުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ސެކްރެޓަރީ ބްލިންކެން ވަނީ މިފަދަ ގުޅުންތައް ބަދަހިކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ. އަދި އެގައުމުން ދިވެހިންނަށް ވިސާ ދިނުމުގެ ކަންކަން ހަރުދަނާ ކުރެވޭނެ ގޮތްތައް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވާފައެވެ.

މިކަމުގެ ސަބަބުން ސަގާފީ ބަދަލުތަކާއި ފަތުރުވެރިކަމާއި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ދެގައުމުން ވެސް ދެކެއެވެ.

ދެ ބޭފުޅުންގެ މި ބައްދަލުކުރެއްވުމުގައި ޑިމޮކްރަސީ ކުރިއަރުވައި ހަރުދަނާ ކުރުމާއި، އިގްތިސާދީ ކުރިއެރުމަށް ކުރާ މަސައްކަތްތަކާއި، ބަދަލުވަމުންދާ މޫސުމަށް އަހުލުވެރިވުމަށް ވެސް މަޝްވަރާ ކުރެއްވިއެވެ. އަދި ދިފާއީ އެއްބާރުލުމާއި، މިނިވަން އިންސާފުވެރި އިންތިހާބާއި، ހިޔާލުފާޅު ކުރުމާއި، އެއްވެ އުޅުމުގެ މިނިވަންކަމާ ގުލޭ ގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުން ދެ ގައުމުން ވެސް ވަނީ ގަވާއިދުތަކުގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަގްވާމީ ނިޒާމެއް ދެމެހެއްޓުމުގެ މުހިންމުކަން ދެނެގަނެ، ސަރަހައްދީ ހަމަޖެހުމާއި، ކަނޑުގެ ސަލާމަތާއި، ސުލްހަ މަސަލަސްކަން ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ޝާހިދު ވަނީ އިންޑޯ ޕެސިފިކް ސަރަހައްދުގައި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ސަރަހައްދުގައި އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ.

ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ރާއްޖެއިން ކުރަމުންދާ ކާމިޔާބު މަސައްކަތްތަކަށް މަރުހަބާ ވިދާޅުވެ، ސެކްރެޓަރީ ބްލިންކެން ވަނީ މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށާއި ތިމާވެށީގެ ދެމެހެއްޓެނިވިކަން ކުރިއެރުވުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކްލައިމެޓް ޑިޕްލޮމަސީގައި ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތައް ވެސް ފާހަގަކުރައްވާފައެވެ.