ހއ. ދިއްދޫގައި ގާއިމުކުރާ ޖޫނިއަރ ކޮލެޖުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން އެރަަށަށް ޒިޔާރަތްކުރައްވައިފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދާއި ހަޔަރ އެޑިޔުކޭޝަންގެ އިސްވެރީން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Ad
rt

މި ކޮލެޖް އޮޕަރޭޝަނަލައިޒް ކުރުމުގެ ތައްޔާރީތަކާއި ގުޅޭގޮތުން ދިއްދޫ ކައުންސިލާއެކު މިނިސްޓްރީގެ ޓީމުން ބޭއްވި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ވިދާޅުވީ މަތީ ތަޢުލީމާއި ތަމްރީނު ފޯރުކޮށްދިނުމަކީ މިސަރުކާރުގެ ވަރަށް ބޮޑު އެއް އަމާޒު ކަމަށާއި އެންމެ ދަތިވެގެންދިޔަ ކޮވިޑުގެ ދުވަސްވަރުގައި ވެސް ތަޢުލީމަށް ކުރައްވާ ހޭދަ މިސަރުކާރުން ހުއްޓަވައިނުލައްވާ ކަމަށެވެ.

މިޕްރޮޖެކްޓުގެ މަސައްކަތަށް ކައުންސިލާއި އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ފެށުނީއްސުރެ ދެއްވަވަމުން ގެންދަވާ އެއްބާރުލުމާ އެހީތެރިކަން ފާހަގަ ކުރައްވާ އެކަމަށް އެފަރާތްތަކަށް ވެސް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން ދިއްދޫއާއި އަތޮޅުގެ އެހެނިހެން ރަށްރަށުގެ ޒުވާނުންނަށް މި އިންސްޓިޓިއުޓުން ފެންވަރު ރަނގަޅު މަސައްކަތުގެ ތަޢުލީމާއި ހުނަރު ލިބިގެންދިއުމަކީ އެ މަނިކުފާނު ކުރައްވާ ފޮނި އުއްމީދެއް ކަމަށާއި މިކަން ކާމިޔާބުވެއްޖެނަމަ މިއީ މި ސަރަޙައްދުގެ ޒުވާން އާބާދީއަށާއި އިޤްތިޞާދަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިއްދޫ ކައުންސިލުން އެންމެ އެދޭގޮތަށް އެރަށުގައި ކުރިއަށްދާ ޕްރޮޖެކްޓަކީ ދިއްދޫ ޖޫނިއަރ ކޮލެޖް ޕްރޮޖެކްޓުކަން، ކައުންސިލުގެ ނައިބު ރައީސް އަބްދުﷲ ވަޙީދާއި ކައުންސިލުގެ އެހެނިހެން މެންބަރުން ފާހަގަ ކުރެއްވިއެވެ. އަދި މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްދާގޮތާއި ހަލުވިމިނާ މެދު ހިތްހަމަޖެހޭކަން ފާހަގަ ކުރައްވައި، މި ޕްރޮޖެކްޓް ފެށުނީއްސުރެ މިއަދާ ހަމައަށް ވެސް މިނިސްޓްރީގެ ފަރާތުން ކައުންސިލުގެ މަޝްވަރާ އާއި ޚިޔާލު އަބަދުވެސް ހޯއްދަވައި ވަރަށް ގާތުން މަސައްކަތް ކުރައްވަމުންދާކަން އުފަލާއެކު ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.

ޖޫނިއަރ ކޮލެޖުގައި ކިޔަވައިދޭނެ ދާއިރާތަކާ ގުޅޭގޮތުން، ރަށުގެ މުއައްސަސާތަކާއި ސިނާއީ ދާއިރާތަކުގައި އުޅުއްވާ ފަރާތްތަކާއެކު ފޯކަސް ގްރޫޕް ޑިސްކަޝަނެއް މިނިސްޓްރީގެ ޓީމުގެ ފަރާތުން ވަނީ ކުރިއަށް ގެންދަވާފައެވެ.

މިވަގުތު ރަށަށް އެންމެ މުހިއްމުވެފައިވާ، މަސައްކަތުގެ ތަޢުލީމާއި ތަމްރީނު ދާއިރާތަކާއި ގުޅޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.

ދިއްދޫގައި ގާއިމުކުރާ ޖޫނިއަރ ކޮލެޖުގެ ކޮންސްޓްރަކްޝަން މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާއިރު، އެގޮތުން ކޮންކްރީޓް ހުރިހާ މަސައްކަތްތަކެއް ވަނީ ނިމިފައެވެ. އަދި ރޭނުމާއި ސިމެންތި ޖެހުމުގެ މަސައްކަތުގެ ބޮޑުބައެއް ވެސް މިހާރު ވަނީ ނިމިފައެވެ.

މީގެ އިތުރުން މި ޖޫނިޔާރ ކޮލެޖު ހިންގަން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާއިރު، ކިޔަވައިދޭނެ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްތައް ވެސް ކުރިއަށް އެބަދެއެވެ.

މިގޮތުން، "މީރީ" ޕްރޮޖެކްޓުން ވޯލްޑް ބޭންކްގެ އެހީގައި، ސްޓޭޓް-އޮފް-ދި-އާރޓް އައި.ސީ.ޓީ ލެބް ފަދަ ލެބޯޓަރީތަކަށް ބޭނުންވާ އިކުއިޕްމެންޓް އަދި ފަރުނީޗަރު ހޯދުމުގެ ޕްރޮކިޔުމެންޓް މަސައްކަތްތަކުގެ ބައެއް ބިޑް ކުރެވި، އަނެއްބައި މަސައްކަތްތައް ވަނީ އެވޯޑްކުރެވިފައެވެ.