މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓުގެ ޓިކެޓް އެ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އަށް އަރުވައިފިއެވެ.

ރިޔާސީ ޓިކެޓު އެރުވުމަށް ކާނިވާ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ގާސިމް އިބްރާހިމް އަށް ޓިކެޓު އަރުވާފައިވަނީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފްއެވެ.

Ad
rt

ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ޓިކެޓު އެމަނިކުފާނަށް ލިބިވަޑައިގަތީ، އެ ޕާޓީގެ ކައުންސިލުގެ ފުރިހަމަ އަޣުލަބިއްޔަތުންނެވެ.

ރިޔާސީ ޓިކެޓުގެ ގޮތުގައި ޖުމްހޫރީ ޕާޓީން ގާސިމަށް ޓިކެޓުގެ ގޮތުގައި އަރުވާފައި ވަނީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ޓިކެޓުގެ ސިފައިގައިވާ ފަތްކޮޅެކެވެ.

ގާސިމްގެ ކެމްޕެއިންގެ ޝިއާރަކަށް "ހާސްކަނޑާލާ، ހަމަޖެހޭނެ" ކަނޑައަޅާފައިވާއިރު، ކެމްޕެއިންގެ ރަސްމީ ލަވަ ވެސް ވަނީ މިރޭ އިފްތިތާހުކޮށްފައެވެ.

ޖޭޕީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލުމަށް ހުޅުވާލުމުން، ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާނުކުރައްވާފައިވަނީ ހަމައެކަނި ގާސިމް އިބްރާހިމްއެވެ. އެ ޕާޓީގެ ކައުންސިލުން މިދިޔަ މާރޗް މަހުގެ 14 ވަނަ ދުވަހު އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފާސްކޮށް، އޭޕްރިލް މަހުގެ ތިންވަނަ ދުވަހު ގާސިމް ވާދަކުރައްވާނެ ކަމަށް ވަނީ ނިންމަވައިފައެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ގާސިމްގެ އިތުރުންވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވަނީ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި އެމްޑީޕީން މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި ޕީޕީއެމްގެ ޓިކެޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެވެ. އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު ވެސް ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން އިސްވެ އުފައްދަވާ "ދަ ޑިމޮކްރެޓްސް"ގެ ފަރާތުން ވެސް ކެންޑިޑޭޓަކު ނުކުންނާނެ ކަމަށް ވެސްއެ ޕާޓީން ވަނީ ބުނެފައެވެ.