ޝައިތާނާ، އިންސާނާއަށް ވަސްވާސްދީ މާޔޫސްކޮށްލި ނަމަވެސް މާތް ﷲގެ ރަހުމަތުން އުންމީދު ކަނޑާލައިގެން ނުވާނެކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާން ކޮށްދީފިއެވެ.
"ތައުބާގެ އަހައްމިއްޔަތުކަމާ އޭގެ ދައުރު"ގެ މައްޗަށް އަލިއަޅުވާލައި ކުރިއަށް ގެންދިޔަ ޚުތުބާގައި ބުނީ މުއުމިނުންތަކުންނަށް އޮތީ ފާފައެއް ކުރިވިއްޖެނަމަ، ތައުބާވެ މާތް ﷲގެ މަގަށް ރުޖޫއަވުން ކަމަށެވެ.
ތައުބާވުން ލަސްކޮށްގެން ސަލާމަތްތެރިކަމެއް ނުލިބޭނެކަން ހަނދާންކޮށްދީ ޚުތުބާގައި ބުނީ ތައުބާވާ މީހާ ހިތުގެ އަޑިން މާތް ﷲގެ ފުއްސެވުމަށް އެދެން ޖެހޭނެ ކަމަށާއި އެކަން އޭނާގެ ދުލުން ފާޅުވާން ޖެހޭނެ ކަމަށެވެ. އަދި އެކަން ތައުބާވާ މީހާ ކުރެވުނު ކުށާއިމެދު ދެރަވެ، ހިތާމަ ކުރަން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން އެ ފާފައެއް ނުވަތަ ފާފަތަކަށް އެނބުރި ނުދިޔުމަށް އޭނާގެ ހިތުގައި އަޒުމް ކަނޑައަޅައި އެކަމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
ހަމަމިއާއެކު މީހެއްގެ ހައްގަކަށް އަރައިގަނެވިފައިވާނަމަ ނުވަތަ އަނިޔާވެރިވެފައިވާނަމަ އެ މީހެއްގެ ގާތުން މަޢާފަށް އެދި އެމީހާގެ ހައްގު އަދާކޮށްދިނުމުން މެނުވީ ތައުބާ ފުރިހަމަ ނުވާނެ ކަމަށާއި ތެދުވެރި މުއުމިނަކީ އޭނާއަށް ކުރެވޭ ކުށްތަކުގެ މަތީގައި ދެމިހުންނަ މީހުން ނޫން ކަމަށް ވެސް ޚުތުބާގައި ބުނެފައި ވެއެވެ.
މުސްލިމެއްގެ މައްޗަށް ތައުބާވުން ލާޒިމްވާ 3 ކަމެއް ފާހަގަކޮށް ޚުތުބާގައި ވަނީ އެކަންތައް ހަނދާންކޮށްދީފައެވެ.
އެގޮތުން މާތް ﷲގެ އުގޫބާތުން ރައްކާތެރިވުމަށްޓަކައި ތައުބާވުމާއި އެމީހެއްގެ އަމަލުތައް މާތް ﷲ ގަބޫލުކުރައްވަވާ އަމަލުތަކަކަށް ހެދުމަށްޓަކައި ތައުބާވުމާއި ސޯލިހު އަމަލުތައް ކުރުމުގައި ހެޔޮ ތައުފީގު ލިބިގެންވާ މީހަކަށް ވުމަށްޓަކައި ތައުބާވުމަށް ވަނީ ހަނދުމަ ކޮށްދީފައެވެ.
މިއަދުގެ ހުކުރު ޚުތުބާގައި ބުނީ ތެދުވެރި އަޒުމަކާއެކު އިޚްލާސްތެރި ތައުބާއަކުން ތައުބާވެއްޖެނަމަ، މާތް ﷲ އެމީހެެއްގެ ހިތަށް ހިތްހަމަޖެހުން ވައްދަވާ އުންމީދުގެ ދޮރުކޮޅުތައް ހުޅުއްވައިދެއްވާނެ ކަމަށެވެ.