ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތް ފުރިހަމަ ކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) އެކުލެވޭ ޑިޖިޓަލް ބޭންކިން އެސިސްޓަންޓް، 'އާޔާ' ތައާރަފްކޮށްފިއެވެ.
'އާޔާ' އަކީ ބޭންކުގެ ވެބްސައިޓް، ފޭސްބުކް މެސެންޖަ، ވައިބާ އަދި ވަޓްސްއެޕް މެދުވެރިކޮށް 24 ގަޑިއިރު ހިދުމަތް ލިބޭ އިންޓަލިޖެންޓް ޗެޓްބޮޓެކެވެ. ދިވެހި ބަހުންނާއި އިނގިރޭސި ބަހުން މުއާމަލާތް ކުރެވޭގޮތަށް ފަރުމާކޮށްފައިވާ 'އާޔާ' އަށް ކަސްޓަމަރުންގެ ސުވާލުތަކަށް ވަގުތުން ޖަވާބުދެވި، ކަސްޓަމަރު ބޭނުންވާނަމަ ކަސްޓަމަ ސާވިސް އޭޖަންޓަކަށްވެސް ޗެޓް ޓްރާންސްފާ ކޮށްލެވޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ބީއެމްއެލް ފަދަ ބްރޭންޑުތަކާ ކަސްޓަމަރުން މުއާމަލާތް ކުރުމަށް ބޭނުންވާނީ އެފަރާތެއް ހިޔާރުކުރާ ޗެނަލެއް މެދުވެރިކޮށް ކަމަށެވެ. އެހެންވެ 'އާޔާ' ފަރުމާކޮށްފައިވަނީ ޖެނެރޭޓިވް އޭއައި އަދި އެންމެ ފަހުގެ ނެޗުރަލް ލޭންގުއޭޖް ޕްރޮސެސިން (އެންއެލްޕީ) ބޭނުންކުރާ ޕްލެޓްފޯމެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
“އެހެންކަމުން، އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އަވަހަށް ޖަވާބުދެވި، މައްސަލަ ހައްލުވެ، އޭގެ ސަބަބުން ކަސްޓަމަރުންގެ ހިތްހަމަޖެހުން އިތުރުވެގެންދާނެ." ކާލް ސްޓުމްކަ ވިދާޅުވިއެވެ.

ބީއެމްއެލުން އަންނަނީ ބޭންކިންގެ ހިދުމަތްދޭ އެހެން ފަރާތްތަކާ ތަފާތުކޮށް ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުމާއި، ސެލްފް ސާވިސް ބޭންކިން ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުން ކޮންމެ ދުވަހަކު ބޭނުންކުރާ ބޭންކިން ހިދުމަތްތައް އޮންލައިންކޮށް މެނޭޖް ކުރެވޭނެ ގޮތް ގާއިމްކޮށް، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން، ވަގުތުން ބޭންކް އެކައުންޓް ހުޅުވުން، އޮންލައިންކޮށް ލޯނު އަދި ފައިނޭންސިން އަށް އެދި ހުށަހެޅުން، ޑެބިޓް ކާޑާއި ކްރެޑިޓް ކާޑު އަމިއްލައަށް މެނޭޖް ކުރުން، ރާއްޖެއިން ބޭރަށް ފައިސާ ޓްރާންސްފާ ކުރުމާއި ޓީޓީގެ ހިދުމަތް ފަދަ ގިނަގުނަ ޑިޖިޓަލް ހިދުމަތްތަކެއް ބޭންކުގެ ކަސްޓަމަރުންނަށް މިއަދު ދަނީ ފޯރުކޮށްދެމުންނެވެ.
ކާލް ސްޓުމްކަ އިތުރަށް ވިދާޅުވީ ބޭންކުގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ކަސްޓަމަރުންނަށް ފަސޭހަ ޑިޖިޓަލް ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި ބޭންކުގެ އިންވެސްޓްމަންޓްގެ ނަތީޖާ މިހާރުވެސް ފެންނަ ކަމަށާއި އެގޮތުން، 2022 ވަނަ އަހަރު ހިދުމަތުގެ ފެންވަރު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު ގާތްގަނޑަކަށް 40 އިންސައްތަ ރަނގަޅުވެފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

“އަޅުގަނޑުމެންގެ ހިދުމަތް ހޯދުމަށް ކަސްޓަމަރުން ހޭދަކުރަންޖެހޭ ވަގުތު މިވަނީ ދެބައިކުޅައެއްބަޔަށްވުރެ ބޮޑަށް ދަށްކުރެވިފައި. އެހެންނަމަވެސް، އަދިވެސް ގިނަ މަސައްކަތް ކުރަންޖެހޭ. އަދި އަޅުގަނޑުމެން އިޖާދީ ހައްލު ހޯދުމަށް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށްދޭ ހިދުމަތަށް ހެޔޮ ބަދަލުތަކެއް ގެނުވުމަށް މަސައްކަތްތަކެއް ކުރާނަން." ކާލް ސްޓުމްކަ ވިދާޅުވިއެވެ.
ބީއެމްއެލުން މިހާރު 325،000 ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދެމުންދާއިރު، މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 87 ސެލްފްސާވިސް ބޭންކިން ސެންޓަރު، 143 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު އެ ބޭންކުގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!