ހދ. ހިރިމަރަދޫ ފެނާއި ނަރުދަމާގެ މަސައްކަތާއި ގުޅިގެން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށާއި އެއީ ހަގީގަތް ނުބަލައި ފަތުރާ ވާހަކަތަކެއް ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލުން މިހެން ބުނީ، އެ މަސައްކަތް ކައުންސިލުން ހުއްޓުވާފައިވާކަމަށާއި ކައުންސިލުގެ ނައިބު ރައީސް ބަދުނާމުކޮށް، ކަން ހިނގިގޮތް އާންމު ރައްޔިތުނަށްއޮޅޭގޮތަށް ވާހަކަތައް ފަތުރާކަމަށް ބަޔާންކޮށް، އެކަމަށް ރައްދު ދީ ނެރުނު ނޫސް ބަޔާނުގައެވެ.

Ad
rt

އެ ބަޔާނުގައި ބުނެފައިވަނީ އެ ކައުންސިލުން ފާސްކޮށް 15 މާރޗު 2015 ގައި ގެޒެޓުކޮށްފައިވާ މަގު ކޮނުމާއި މަގުގައި އެއްޗެތި ވަޅުލުމާއި ބެހޭ ގަވާއިދުގެ 3 ވަނަ ނަމްބަރުގެ (ހ) ގައި ވާގޮތުން ރަށުގައު ކުރާ މަސައްކަތެއް ކުރުމަށް "ރަށުގެ މަގެއް ކޮންނަންވާނީ ކައުންސިލުގެ ހުއްދަ ލިޔުމަކުން ލިބުމަށްފަހު" ކަމުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.

އެހެންނަމަވެސް އެރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ފަހުން ހަވާލުކޮށްފައިވާ ކުންފުނި، ހައިޓްސް ޕްރައިވެޓް ލިމިޓެޑުން 27 މެއި 2023 ގައި ފެނާއި ނަރުދަމާ ހޮޅި ވަޅުލުމަށް ކައުންސިލުގެ ހުއްދަ ނުނަގާ މަގު ކޮނުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި އަދި އެ މަޝްރޫއުގެ މަސައްކަތް ކުރުމަށް އައި އެހެން ކުންފުނިތަކުން ވެސް މަސައްކަތް ކޮށްފައިވަނީ ކައުންސިލުން ހުއްދަ ނެގުމަށްފަހު ކަމަށް އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ކައުންސިލުން ގަވާއިދުތައް ހަދަނީ އެރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް އެކަނި ނޫން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް ފަށާފައިވަނީ 14 ޑިސެމްބަރ 2020 ގައި ކަމަށާއި ނިންމަން ޖެހެނީ 7 ޖޫން 2022 ގައި ކަމަށާއި ކަނޑައަޅާފައިވާ މުއްދަތަށް އެ މަސައްކަތް ނުނިމި ލަސްވީ ކައުންސިލުގެ ކޮން އިހުމާލެއް އޮވެގެންތޯ ވެސް ވަނީ ސުވާލުކޮށްފައެވެ.

ހިރިމަރަދޫ ކައުންސިލުން ބުނީ މަގު ކޮނުމުގެ ހުއްދަ ދެނީ މަގު ކޮނުމުގެ ތެރޭގައި ގޭގެއަށް އަޅާފައިވާ ކަރަންޓު ކޭބަލަށާއި އަދި އެނޫން ވެސް ކޭބަލަކަށް ގެއްލުމެއް ލިބިއްޖެނަމަ، މަގު ކޮންނަފަރާތުން ޒިންމާ ނަގަން ޖެހޭގޮތަށް ކަމަށެވެ. އަދި އެއީ ޑިސްޓްރިބިއުޝަން ފޮށިތަކުން ގޭގެއަށް އަޅާފައިވާ ކަރަންޓު ކޭބަލަކީ އާންމަު ރައްޔިތު މީހާ އަމިއްލައަށް ގަނެގެން އަޅާފައިވާ ކޭބަލަކަށް ވާތީ ކަމަށް ވެސް ބުނެފައި ވެއެވެ.

ހަމަމިއާއެކު އާންމު ރައްޔިތުންގެ ކަރަންޓު ކޭބަލެއް ކަނޑައިގެން ގޮސްފިނަމަ، އެގެއެއްގެ ވެރިފަރާތާއި މަޝްވަރާކޮށްގެން އެގެއެއްގެ ވެރިފަރާތް ބޭނުންވާގޮތަށް ހައްލުކޮށްދޭ ގޮތަށް ކަމަށް ވެސް ކައުންސިލުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ކަންމިހެން އޮތްއިރު، ކައުންސިލާއި ކައުންސިލުގެ ނައިބު ރައީސްގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމަކަށްވާތީ އާއި އަދި ކައުންސިލުން ފާސްކޮށްފައިވާ މަގުކޮނުމާއި ބެހޭ ގަވާއިދާ ޚިލާފަށް ކަމެއް ކުރާނަމަ، އެކަމެއް އޮންނަގޮތަށް ކުރުމަށް އެންގޭނެ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

އެހެންނަމަވެސް ކައުންސިލާއި ނައިބު ރައީސް ބަދުނާމުކޮށް ރައްޔިތުންނަށް އޮޅޭގޮތަށް މީޑިއާއަށް މައުލޫމާތު ދީފައިވާ ކަމަށާއި، އަދި މަދުފަރާތްތަކުން ތެދު ހަގީގަތް ނުބަލާ ދައްކާ ވާހަކަ އެ ކައުންސިލުން ވަނީ ކުށްވެރިކޮށްފައެވެ. އަދި ކަންކަން ހިނގާގޮތުގެ މައުލޫމާތު އޮޅުން ފިލުވުމަށްފަހު، މީޑިއާތަކުގައި ޖެހުމަށް ވެސް ވަނީ ނަސޭހަތްތެރިވެފައެވެ.