އެންމެ މުހިންމީ ރައްޔިތުން ކަމަށާއި، ސަރުކާރާ ފެޔަށް ޖެހުނީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ނުދިނުމުން ކަމަށާއި، ކިތަންމެ އުނދަގުލާއި ދަތީގައި މަސައްކަތް ކުރަން ޖެހުނު ކަމުގައި ވިޔަސް އެންމެ މުހިންމީ ރައްޔިތުން ކަމުގައި ކުޅުދުއްފުށި ސިޓީގެ ސިޓީގެ މޭޔަރ މުޙައްމަދު އާތިފް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައި މިވަނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަކިވެ، "ދަ ޑިމޮކްރެޓްސް" އަށް ސޮއި ކުރެއްވުމަށްފަހު، އޭނާގެ ފޭސްބުކް ގައި ލިޔުއްވި ސްޓޭޓަސްގައެވެ.
އޭނާ ވިދާޅުވީ 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ދިވެހިރައްޔިތުން، އެމްޑީޕީ އަށް ރާއްޖޭގެ ވެރިކަން ހަވާލުކުރީ ވަރަށް ފޮނި އުންމީދުގައި ކަމަށާއި ވަކީން ހާއްސަކޮށް ކުޅުދުއްފުށިން އެ ޕާޓީއަށް ބޮޑު އަޣުލަބިއްޔަތެއް ދިނީ ރަށުގެ ތަރައްޤީގެ ދުވެލި ބާރުކޮށް ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވާނެ އިޤްތިސޯދީ އަދި އިޖްތިމާއީ ފުރުސަތުތަކެއް ފަހިވާނެކަމުގެ ފޮނި އުންމީދުގައި ކަމަށެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ 2 ދާއިރާގެ 2 ގޮނޑިއާއި، ސިޓީ ކައުންސިލްގެ 7 ގޮނޑި އަށް އެމްޑީޕީ މެންބަރުން އިންތިހާބު ކޮށްދިނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލުން ކުރާ މަސައްކަތްތަކާއި މައި-ސަރުކާރަށް ކުރި އުންމީދުތަކުގައި އަވަހަށް ކުލަޖެއްސުމަށް ބާރުއެޅުމުގެ ގޮތުން ކަމަށެވެ.
އެހެންނަމަވެސް ސަރުކާރަށް 5 އަހަރު ފުރުމާއިގާތްވެފައި ވާއިރުވެސް ކުޅުދުއްފުށީގެ ތަރައްޤީއަށް ރައްޔިތުން އުންމީދުކުރިވަރާ ގާތަށް ވެސް ސަރުކާރުން މަސައްކަތް ކޮށްދެއްވާފައި ނުވާކަމުގެ ޝަކުވާ ކެނޑިނޭޅި ކޮންމެދުވަހަކު އޭނާއަށް އަޑުއިވޭ ކަމަށާއި މި އަޑުތައް ސަރުކާރާއި ހިސާބަށް އެތައް ފަހަރެއްގެމަތިން ލިއުމުންނާއި އަނގަބަހުން ގެންދެވިފައިވާ ކަމަށް ވެސް އާތިފް ވިދާޅުވިއެވެ.
"އެކަންބޮޑުވުންތައް ހައްލުކުރުމަށް ސަރުކާރުގެ ފަރާތުން އަމަލީސިފައެއް ފެންނަމުން ނުދިއުމަކީ އަޅުގަނޑު ސަރުކާރަށް ކުރި ތާއީދު އަނބުރާގެންނާން ޖެހުނު މައިގަނޑު ސަބަބުކަމުގައި ރައްޔިތުންގެ މައުލޫމާތައްޓަކައި ދެންނެވީމެވެ." އާތިފް ގެ ސްޓޭޓަސް ގައި ވިދާލުވެފައި ވެއެވެ.
މީގެ އިތުރުން މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގައި އޭނާ ހުރުމަކީ ރަށުގެ ރައްޔިތުންނަށް ވެވޭ އިހުމާލެއް ކަމަށް ފެންނަ ކަމަށާއި ކުޅުދުއްފުށީގެ އެމްޑީޕީގެ ގިނަ އާންމު މެންބަރުން ވެސް މި 5 އަހަރު ކުޅުދުއްފުށީގެ ތަރައްޤީއާއިމެދު ކުރަމުންދިޔަ އުންމީދު ހާސިލްނުވެ ޕާޓީއަށް ކުރި އިތުބާރު ގެއްލި މާޔޫސްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.
އާތިފް އިތުރަށް ވިދާޅުވީ ރައްޔިތުންގެ ހައްޤުގައި ތެދުވެ މިހާރަށްވުރެ ރަނގަޅުގޮތެއް ރައްޔިތުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރުމަކީ އޭނާއާ ރައްޔިތުން މަތިކޮށްފައިވާ މަސްއޫލިއްޔަތެއްކަމުން އަބަދު ވެސް އެމަގުން މަސައްކަތް ކުރުމުގައި ދެމިހުންނާނެ ކަމަށެވެ.
އޭނާގެ އުންމީދަކީ މި މަސައްކަތުގައި ވީހާވެސްގިނަ ރައްޔިތުން ޝާމިލްވެ، ކުޅުދުއްފުށީގެ ތަރައްޤީއާއި ތަމައްދުން އާރާސްތުކުރުމަށް މަސައްކަތްކުރން ކަމަށާއި ކިތަންމެ އުނދަގުލާއި ދަތީގައި މަސައްކަތް ކުރަން ޖެހުނު ކަމުގައިވީނަމަވެސް އަބަދު ވެސް އެންމެ މުހިންމުވާނީ ރައްޔިތުން ކަމަށް ވެސް ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރ މުޙައްމަދު އާތިފް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!