ވެމްކޯގެ ޗެއާމަންގެ މަގާމުގައި ހުންނެވި މުހައްމަދު އިބްރާހިމް މަނިކާއި އާސަންދަ ބޯޑުގެ މެންބަރުގެ މަގާމުގައި ހުންނެވި އާމިލާ ލަތީފް މަގާމުން ވަކިކުރަން ޕްރައިވައިޓޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އަށް ރައީސް އޮފީހުން ފޮނުވައިފިއެވެ.
މި ދެބޭފުޅުން މަގާމުން ވަކި ކުރުމަށް ފޮނުވާފައި މިވަނީ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ސްލޮޓްތަކުގައި ސިޔާސީ މަގާމަށް އައްޔަން ކުރެއްވި ބޭފުޅުން، އެ ޕާޓީ ވަކިވަމުން އަންނަދުވަސްވަރެއްގައެވެ.
އެގޮތުން އެމްޑިޕީގެ ސްލޮޓުގައި އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން "ދަ ޑިމޮކްރެޓްސް" އަށް އަންނަނީ ސޮއި ކުރަމުންނެވެ.
މި ބޭފުޅުންގެ ތެރެއިން މަނިކު ވަނީ އެމްޑީޕީން ވަކިވެ، ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރައްވާފައެވެ. އޭނާއަކީ އެމްޑީޕީގައި ހުންނެވި އިރު ވިލިމާލެ ދާއިރާގެ އެމްޑީޕީގެ ކުރީގެ ރައީސް އަދި އިންތިހާބުތަކުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ.
އާމިލާ އަކީ ޑިމޮކްރެޓްސްގައި އުފެއްދެވުމުގައި އެންމެ އިސްކޮށް އުޅުއްވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފްގެ ކޮއްކޮއެވެ.
މީގެ އިތުރުން ޓޫރިޒަމް މިނިސްޓަރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ހާޝިމް (ސްމިތް) އާއި އެންވާރްމަންޓް މިނިސްޓްރީގެ ނައިބު މުހައްމަދު އަންސާރު އާއި އެމިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް މުހައްމަދު ހަމްދާން އަދި ހޯމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓާ އާޝިޔަތު އަލައިކާ އަދުނާން ވެސް ވަނީ ދަ ޑިމޮކްރެޓްސް އަށް ސޮއިކުރުމުން މަގާމުން ވަކިކޮށްފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މިއުވާން ވިދާޅުވެފައި ވަނީ ސަރުކާރުގެ މަގާމުތަކުން ވަކި ކުރަމުންދާ މީހުންނަކީ އެމްޑީޕީގެ ސްލޮޓްތަކުގައި މަގާމުތަކަށް ވަޑައިގަތް ބޭފުޅުން ކަމަށެވެ. އެ ޕާޓީ ދޫކޮށްލުމުން އެ މަގާމުތަކުން އެބޭފުޅުން ވަކިކޮށް ދިނުމަށް އެމްޑީޕީން އެދިފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!