ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށްއެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ޚަސްމަކަށް ގުޅައި މެސެޖުކޮށް ހެދިކަމަށް ތުހުމަތުކޮށް ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމް ސަސްޕެންޑްކޮށްފި އެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އަލްއުސްތާޛު ޢަލީ އާދަމް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އެންގުމަށް މިރޭ ބޭއްވުނު އެކޮމިޝަންގެ ކުއްލި ޖަލްސާގައި ނިންމާފައިވާކަމަށެވެ.
އެ ކޮމިޝަނުން ތަޙްޤީޤުކުރަމުންދާ މައްސަލައިގެ ތަޙްޤީޤަށް ހޯދިފައިވާ މަޢުލޫމާތަށް ރިޢާޔަތްކޮށް، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، އެކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން ސަސްޕެންޑް ކޮށްފައިވާކަމަށް އެ ބަޔާނުގައި ވެއެވެ.
މައްސަލަތަކާ ގުޅިގެން އެ މައްސަލަތަކުގައި ހިމެނޭ މީހުންނާ ކޯޓުން ބޭރުގައި ފަނޑިޔާރުން މުއާމަލާތް ކުރުމަކީ މަނާ ކަމެކެވެ.
ސުލޫކީ އެހެން މައްސަލަތަކެއްގައި އެ މެޖިސްޓްރޭޓްގެ މައްސަލަ ޖޭއެސްސީން ކުރިން ބަލާފައިވެ އެވެ.
މިފަދަ މައްސަލައެއް ފެންމަތިވެފައިވާއިރު ހދ އަތޮޅުގެ މެޖިސްޓްރޭޓަކު ކޯޓުން ބޭރުގައި އުޅުއްވަނިކޮށް މަރުގެ އިންޒާރުދިން މައްސަލައެއްވެސް މިހަފްތާގައި ވަނީ ފެންމަތިވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!