ރާއްޖެ- ޗާގޯސް މައްސަލާގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކައުންސިލަށް މިއަދު ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރަކީ ރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން 28 އޭޕްރިލް 2023 ގައި ނިންމި މައްސަލާއާއި ގުޅިގެން ހުށަހެޅި ގަރާރެކެވެ.

Ad
rt

ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ހުށަހެޅުއްވި މި ގަރާރުގައި ބުނެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާގާނޫނުގެ ދަށުން ކުރިން ބޭނުން ކުރަމުން އައި 200 މޭލުގެ ސަރައްދުން 45،000 އަކަ ކިލޯ މީޓަރަށް ވުރެ ބޮޑު ބައެއް ގެއްލިފައިވާ ކަމަށާއި ރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލަ ފައިސަލާކޮށް އިޓްލޮސްއިން ނެރުނު، ހުކުމްގެ ޤަޟިއްޔާގެ 20 ވަނަ ޞަފްޙާގައި ބަޔާންކޮށްފައިވާ 51 ވަނަ ނުކުތާއިން، އިޓްލޮސްއިން އެ ޙުކުމް ނެރުމުގައި ރާއްޖޭގެ ރައީސް، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވިސިޓީފުޅު ބޮޑު ދައުރެއް އަދާކުރިކަން ސާފުކޮށް އެނގެން އޮތް ކަމަށެވެ.

"ރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާގެ މި ޢަމަލުފުޅަކީ ދިވެހިރާއްޖޭގެ ޤާނޫންއަސާސީގެ 3 ވަނަ މާއްދާ އާއި، ދިވެހިރާއްޖޭގެ ކަނޑުތަކާ ބެހޭ ޤާނޫނުގައި ކަނޑައެޅި ބަޔާން ވެގެންވާ ގޮތްތަކާ ޚިލާފަށް ކުރެއްވެވި ޢަމަލެއްކަމަށް ބެލެވޭ ވީހިނދު، އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާބެހޭ ކޮމެޓީން ދިރާސާކުރުމަށް ގޮވާލަން." ގަރާރުގައި ވެއެވެ.

މީގެ އިތުރުން މި މައްސަލާގައި ރާއްޖޭގެ ކަނޑުގެ ޤާނޫނުގައި ބަޔާންކުރާ މިންވަރު ދިވެހިންނަށް ކަށަވަރުކޮށް ދިނުމުގެ ބަދަލުގައި ކަނޑުގެ ސަރަހައްދު މޮރިޝަސްއާއި ރާއްޖެއާއި ދެމެދު އެއް ވަރަކަށް ބަހާލަން ދައުލަތުގެ ބަންޑާރަ ނައިބު ވަކާލާތުކޮށްފައިވުމީ، މިކަމުގައި ދިވެހީންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމުގައި ބަންޑާރަ ނައިބު އިޙްމާލުވެފައިވާކަމެއްކަމެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

މި މައްސަލާގައި އެ ޕާޓީގެ ލީޑަރު ދެކިވަޑައިގަންނަވާގޮތް 23 އޮކްޓޯބަރު 2022 ގައި ހާމަކުރައްވާފައިވާއިރު، އެކަން ހާމަކުރެއްވި ބަޔާނުގައި ރާއްޖޭގެ އެންމެ ކޮޑި އިންޗިއެއް ވެސް ގެއްލެން ނޭދޭކަމަށް ވިދާޅުވެފައިވާ ކަމަށާއި މި މައްސަލައިގެ ހުކުމް އަންނަގޮތަކުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ބައެއް އުނިވުމަށް ނޭދޭތީ މި މައްސަލާގައި ދިވެހި ދައުލަތާއި ރައްޔިތުންގެ ހައްގުތައް އެންމެ ފުރިހަމައަށް ހިމާޔަތްކޮށް ދިނުމަށް އެދި އިޓްލޮސްއަށް އެމަނިކުފާނު ސިޓީފުޅެއް ވެސް ފޮނުވާފައިވާކަން ފާހަގަކޮށްފައި ވެއެވެ.

މި މައްސަލާގައި ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލި، ރާއްޖެއަށް ގެއްލުންވާގޮތައް އިޓްލޮސްއިން ނިންމި ނިންމުމަކީ މި ޕާޓީ ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށާއި އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބުވެ، ޖުމްހޫރީ ޕާޓީގެ ވެރިކަމެއް ގާއިމުކުރެވިއްޖެނަމަ، ރާއްޖެއާއި ބައިނަލްއަޤްވާމީ ތަޖުރިބާކާރު، ޤާނޫނީ މާހިރުންގެ ޓީމެއްގެ އެހީތެރިކަމާއެކު މި މައްސަލަ ދިރާސާކޮށް، އިސްތިއުނާފްކޮށް، ރާއްޖެއަށް ގެއްލުނު ކަނޑުގެބައި އަލުން ހޯދުމަށް މަސައްކަތްކުރުމަށް އިއްތިފާގުވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެ ގަރާރުގައި، މި މައްސަލާގައި ރާއްޖޭގެ ރައީސް މޮރިޝަޝްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީފުޅު ޢާންމު ކުރެއްވުމަކީ ޤައުމީ މަސްލަހަތު އެކަމުގައި ވަރަށް ބޮޑަށް އެކުލެވޭކަމަށް ދެކޭތީ، އެ ސިޓީފުޅު ހާމަކުރުމަށް ބާރުއެޅުމާއެކު، ޙުކުމް އިސްތިއުނާފުކުރުމުގެ ފުރުސަތު އޮތްކަމަށް ރާއްޖޭގެ ބައެއް ޤާނޫނީ ބޭފުޅުން ވިދާޅުވަމުން ގެންދަވާއިރު، ލަސްނުކޮށް އެ ޙުކުމް އިސްތިއުނާފު ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ދިވެހި ސަރުކާރަށް ވަނީ އިލްތިމާސްކޮށްފައެވެ.