މަކުނުދޫ ގައި ރޭސިންގ ޓްރެކެއް އެޅުމަށް މަޝްވަރާކޮށްފި

ރޭސިން ޓްރެކެއް އެޅުމަށް ކުރެވުނު މަޝްވަރާގެ ތެރެއިން، ފޮޓޯ: މަކުނުދޫ ކައުންސިލް
ރޭސިން ޓްރެކެއް އެޅުމަށް ކުރެވުނު މަޝްވަރާގެ ތެރެއިން، ފޮޓޯ: މަކުނުދޫ ކައުންސިލް

ހދ. މަކުނުދޫ ގައި ރޭސިންގ ޓްރެކެއް އެޅުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ބާއްވާފައިވަނީ މަކުނުދޫ ކައުންސިލާއި، ޕްލޭނިންގ މިނިސްޓްރީ އަދި ރޭސިންގ އެސޯސިއޭޝަން އޮފް ދި މޯލްޑިވްސް (ރާމް) ގުޅިގެންނެވެ.

މިކަމުގެ މައުލޫމާތު ''ތިލަދުން'' އަށް ހިއްސާ ކުރައްވަމުން މަކުނުދޫ ކައުންސިލުގެ ރައީސް އައުޒަމް އާދަމް ވިދާޅުވީ އެއީ ވަރަށް އުއްމީދީ މަޝްވަރާއެއް ކަމަށާއި މި ކުޅިވަރު ރާއްޖޭގެ އެކި ސަރަހައްދުގައި ދިރުވައި، އާލާކުރުމަށް ހުޅުވިގެންދިޔަ ދޮރެއް ކަމަށެވެ. އަދި ޒުވާނުންނަށް މި ކުޅިވަރުގައި ކުރިއަށް ދިއުމަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށެވެ.

އެހެންނަމަވެސް އެންމެބޮޑު މައްސަލައަކީ އެރަށުގައި މިފަދަ ޓްރެކެއް އެޅުމަށް ބޭނުންވާ ޖާގަ ނެތުންކަން ފާހަގަކުރައްވައި، އައުޒަމް ވިދާޅުވީ މިކަމަށް ވެސް ހައްލު ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންނާ ރޭސިން އެސޯސިއޭޝަނާ އޮންނަނީ ވަރަށް ގާތް ގުޅެއް. އެމީހުން ވެސް ބޭނުންވޭ މިކުޅިވަރު ރާއްޖޭގެ އެކި ހިސާބަށް ފުޅާކުރަން. ދެން އަޅުގަނޑުމެން ހިތަށް އެރީ މިވަގުތު މިރަށުގަ ޖާގަނެތަސް، އެއާޕޯޓު އެޅުމަށް މަސައްކަތް ފަށާއިރު، މިކަމަށް ހައްލެއް ގެނެވިދާނޭ. އެހެންވެ ޕްލޭނިންގ މިނިސްޓްރީއާ ބައްދަލުކޮށް އެ މަޝްވަރާކުރީ." އައުޒަމް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މިކަމުގައި މިނިސްޓްރީގެ ވިސްނުން ވެސް ޕޮޒިޓިވް ކަމަށާއި އުއްމީދުކުރަނީ ބައިނަލްއަގުވާމީ ފެންވަރުގެ ރޭސިން ޓްރެކެއް އެޅޭނެ ކަމަށެވެ. އަދި މި ޓްރެކް އެޅިއްޖެނަމަ، ބައިނަލްއަގުވާމީ ރައިޑާސް (ސައިކަލް ރޭސް ޖަހާ މީހުން) އާއެކު ގުޅުން ބަދަހިވެ، ރާއްޖޭގައި ތިބި ރައިޑާސްގެ ހުނަރު ރާއްޖެއިން ބޭރުގައި ދައްކައި، ރާއްޖެއަށް ރީތިނަން ހޯދައިދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓްރީގެ ފަރާތުން ބައިވެރިވީ މަކުނުދޫގައި އެއާޕޯޓް އެޅުމުގެ ޕްރޮޖެކްޓް މެނޭޖަރ ޢަލީ ޝަރީފްއެވެ. މަކުނުދޫގެ ފަރާތުން ކައުންސިލް މެންބަރ މުޙައްމަދު ޝައްމާޚް ބައިވެރިވިއިރު، ރޭސިން އެސޯސިއޭޝަންގެ ފަރާތުން ބައިވެރިވީ ޕޮރޮމޯޝަން އެންޑް ޕަބްލިކް ރިލޭޝަން އޮފިސަރ މުޙައްމަދު އިބްރާހީމްއެވެ. އަދި މާމުޑާ ސްޕޯޓްގެ ސީ.އީ.އޯ އިނާޒް ޢަބްދުލް ވާޙިދު ވެސް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި